English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ސަން

ރޭ އައްޑޫ ސިޓީ ހިތަދޫގައި ކަތިވަޅި އެއް ކަހަލަ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާމަކޮށްފިއެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ޝާފީ މުހައްމަދު އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މިހާރު ބަލި މީހާގެ ހާލު “ވައިޓަލީ ސްޓޭބްލް” ކަމަށާއި ބަލި މީހާއަށް އަދި ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.

މާރާމާރީގައި އަނިޔާވި 22 އަހަރުގެ ޒުވާނާގެ ކުދި އޮޕަރޭޝަންތަކެއް މިވަގުތު ކޮށްފައިވާއިރު ބަލިމީހާ ވާހަކަ ދައްކާ އުޅޭކަމަށްވެސް ޝާފީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝާފީ ވިދާޅުވިގޮތުގައި ބަލިމީހާގެ ކޮނޑަށާއި ބުރަކަށްޓަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ. އަދި ވާތުގެ ބޮޑުވާ އިނގިލި އަދި ޝަހާދަތް އިނގިލި އެއްކޮށް ވަކިވެފައިވާއިރު އެ އަތުގެ އެހެން އިނގިލި ތަކާއި އަތްތިލަ އަށްވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އެ މީހާގެ ބޮލަށްވެސް އަނިޔާ ލިބިފައިވާކަމަށް ޝާފީ ވަނީ ވިދާޅުވެފައެވެ.

އޭއޯ ނިއުސް އަށް ލިބިފައިވާ ފޮޓޯ ތަކުގައި ޒަހަމްވި މީހާ ބިންމައްޗަށް ވެއްޓިފައި އޮންނަ ތަން ފެންނަ އިރު ބުރަކަށްޓަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުރިކަން ފެންނަން ހުރެއެވެ. އަދި އެމީހާގެ ކޮނޑުން ބޮޑު ތަނެއް ޒަހަމްވެފައިވާއިރު މޫނުމަތިވެސް އޮތީ ލެއިން ތަތްތެޅިފައެވެ.

މީގެ އިތުރުން އޭނާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އަދި ޝަހާދަތް އިނގިލި ބުރިކޮށްލައިފައިވާއިރު އެ އަތުގެ އަތްތިލައަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުރިކަން ފާހަގަކުރެވެއެވެ. އަދި އެމީހާ އެ އަތުގައި ހިފައިން އޮންނަތަންވެސް އެއް ފޮޓޯ އިން ފެނެއެވެ.

މާރާމާރީ އާއި ބެހޭގޮތުން ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީ އެއް ހިންގި މައްސަލަ އެ އިދާރާއަށް ހުށައަޅައިފައިވަނީ މިރޭ 12:30 ހާއިރުއެވެ. އަދި މި މާރާމާރީ ހިންގައިފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޒަހަމްވި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މިހާރު އެ ޒުވާނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ މިހާރު މި މައްސަލަ ތަހުގީގުކުރަމުންނެވެ.