ތ. ކިނބިދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހަކަށް ތ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކިނބިދޫގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 20:40 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އަނިޔާވި މީހާއަށް ފުރަތަމަ ފަރުވާ ދިނީ ކިނބިދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާއަށް ލިބިފައިވާ އަނިޔާ ސީރިއަސްއެއް ނޫނެވެ. މި މާރާމާރީއާ ގުޅޭގޮތުން ފުލުހުން ދަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުންނެވެ.
މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.