English Edition
Dhivehi Edition
ކުޅުދުއްފުށި ސިޓީ - ފޮޓޯ: އަވަސް

ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯޓްގެ ބައެއް ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ހދ. އަތޮޅު ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ރޯގާ ކުޅުދުއްފުށިން ފެނިފައިވާތީ، އެ އިދާރާއިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން އެ އިދާރާއިން ދެމުން އައި ބައެއް ޚިދުމަތްތައް 19 އޮކްޓޫބަރު 2020 އިން ފެށިގެން 22 އޮކްޓޫބަރު 2020 އާ ހަމައަށް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެގޮތުން މެދުކަނޑާލާފައި ވަނީ އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އިމްތިހާން ހެދުމާއި، އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާން ހެދުމުގެ އިތުރުން އެއްގަމު ލައިސަންސަށް ގިންތި އިތުރުކޮށްދިނުމުގެ ޚިދުމަތެވެ.

ހދ. އަތޮޅު ކައުންސިލުގެ ޓްރާންސްޕޯޓްގެ ބައެއް ޚިދުމަތްތައް މެދުކަނޑާލުމަށް ނިންމާފައިވާއިރު، ކުޅުދުއްފުށީގައި ކޮވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ.

ކުޅުދުއްފުށިން މިހާތަނަށް 07 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 03 ބިދޭސީންނާއި 04 ދިވެހިންނެވެ.