English Edition
Dhivehi Edition
ކުޅުދުއްފުށި އެއަރޕޯޓް ޓެސްޓް ފްލައިޓް ޖެއްސުމަށް ދިއްލާލައިފައި - ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހދ.ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު އެ ފްލައިޓްތައް ފެށުމަށް އެ އެއަރޕޯޓުގައި ޖައްސަން ޖެހޭ ޓެސްޓް ފްލައިޓް ރޭ އެ އެއަރޕޯޓުގައި ޖައްސައިފިއެވެ.

ރޭ ދަންވަރު ޓެސްޓް ފްލައިޓް އެ އެއަރޕޯޓުގައި ޖައްސައިފައިވާއިރު އައިލެންޑް އޭވިއޭޝަނުން ހާމަކުރި ގޮތުގައި އަންނަ ހަފްތާ ތެރޭގައި އެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓްތައް ފެށުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިގެން އަންނަ އިރު އުއްމީދަކީ އެ އެއަރޕޯޓަށް އަންނަ ހަފްތާ ތެރޭގައި ރޭގަނޑު ފްލައިޓްތައް އޮޕަރޭޓް ކުރަން ފެށުމެވެ.

ކުޅުދުއްފުށި އެއަރޕޯޓް ހިންގުމުގެ މަސައްކަތް ކުރަމުން އަންނަ ރީޖަނަލް އެއަރޕޯޓްސް އިން މިހާރުވެސް އަންނަނީ އެ އެއަރޕޯޓާއި އެކު 6 އެއަރޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އަދި ކުޅުދުއްފުށި އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފެށުމާއިއެކު އެ ކުންފުނިން ބަލަހައްޓަމުން އަންނަ 4 އެއަރޕޯޓަކަށް ރޭގަނޑު ފްލައިޓް ޖެއްސޭނެއެވެ. އެއީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓާއި، ފުވައްމުލައް އެއަރޕޯޓް އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އިތުރުން ހދ. ކުޅުދުއްފުށި އެއަރޕޯޓެވެ. މީގެ އިތުރުން އެ ކުންފުނިން އަންނަނީ މިހާރުވެސް ހއ. ހޯރަފުށި އަދި ގދ.މާވަރުލު އެއާޕޯޓްގައިވެސް ރޭގަނޑު ދަތުރުކުރެވޭގޮތަށް ނައިޓް ލޭންޑިން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހދ. ކުޅުދުއްފުށި އެއަރޕޯޓް ހުޅުވައިގެން މިހާރުވެސް ދަތުރު ކުރަމުން އައި ކަމުގައިވީ ނަމަވެސް އެ އެއަރޕޯޓަށް ރޭގަނޑު ދަތުރުނުކުރެވުމަކީ އެ ސަރަހައްދުގެ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.