ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށުން ހިންގާ އެއާޕޯޓުތަކުގައި ޕްރެޝާ ޕެޑް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ކުޅުދުއްފުށި އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ހަތަރު މުވައްޒަފަކަށް އަނިޔާވި ހާދިސާ އާ ގުޅިގެންނެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ކޮމާޝަލް، މުހައްމަދު މައުރޫފް ވިދާޅުވީ އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓެެއްގައި ވެސް އެ ސިސްޓަމް ބޭނުންކުރުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓްގައި ހިނގި މި ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ގުޅިގެން ތަހުގީގު ކުރުމުން އަންނަކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.
އިތުރަށް މައުރޫފް ބުނީ މި ސިސްޓަމް އަލުން ބޭނުންކުރަން ފަށާނީ ސިވިލް އޭވިއޭޝަނާ ގުޅިގެން ހަދަމުންދާ ތަހުގީގު ނިމުމުން ކަމަށެވެ.
މިދަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއާޕޯޓުގައި ތަމްރީނަށް ބޭނުންކުރާ ސިލިންޑަރެއް ގޮވާ ހިނގި ހާދިސާގައި 4 މީހަކު ޒަހަމްވި އިރު މި ހާދިސާގައި ޒަހަމްވި އެކަކު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.