English Edition
Dhivehi Edition
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ޓްވިޓާ

ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުން ދާތީ ކުޅުދުއްފުށި ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފިއެވެ.

ކުޅުދުއްފުށި ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި ބޭރަށް ނުކުންނަނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށާއި، މިސްކިތަށް ދިއުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ އެންގުންތަކަށް ބޯލެނބުމުގެ ގޮތުން، މާސްކު އެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމާއި، ކުޑަކުދިންނާއި މުސްކުޅިން ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

މީގެ އިތުރުން ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރުމަށްވެސް ކައުންސިލުން އަންގާފައިވެއެވެ.

އަދި އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުމަށްވެސް އެ ކައުންސިލުން ވަނީ އަންގައިފައެވެ.