ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެއާޕޯޓް އިންޝުއަރެންސްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ވީއައިއޭ އަށް 2021 ވަނަ އަހަރަށް އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އެގޮތުން ފޯރުކޮށްދޭންޖެހޭ އިންޝުއަރެންސްތަކަކީ ‘އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން’ އިންޝުއަރެންސް، ‘އެއަރޕޯޓް އެވިއޭޝަން ލަޔަބިލިޓީ’ އިންޝުއަރެންސް އަދި ‘ޓެރަރިޒަމް’ އިންޝުއަރެންސް ކަމަށެވެ.
މީގެ އިތުރުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.
ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށައި ،އެގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެ އިޢުލާނުގައި ބުނެފައިވާ ގޮތުން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ނޮވެންބަރު 09 ވާ ހޯމަދުވަހުގެ ހެނދުނު 10:15 އެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ކަމަށާއި، ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ނޮވެންބަރު 09 ވާ ހޯމަދުވަހުގެ ހެނދުނު 10:15 ގައި، އެމްއޭސީއެލްގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
އެމްއޭސީއެލް އިން ބުނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑް ކުރެވޭނެ ކަމަށެވެ.