English Edition
Dhivehi Edition

ދިގު މުއްދަތަކަށް އާއްމުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތް ފޯރުކޮށް ދެމުން އަންނަ މެޕްސް ކޮލެޖުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ލިމިޓެޑާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން މޯލްޑިވްސް އެއަރޕޯޓްސްގެ މުވައްޒަފުންނަށް މެޕްސް ކޮލެޖުން ހިންގާ ކޯސްތަކެއްގައި ހެޔޮ އަގެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެތެރޭގައި، އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކާ އެކު އެ ކޮލެޖުގެ ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް، ޕްރީމާސްޓަސް ޕްރޮގްރާމް އަދި ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝަޔަރގެ މާސްޓަރސް ކޯސްތައް ހިމެނެއެވެ. މީގެއިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ތަމްރީނު ބޭނުންވާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ ޓެކްނޮލޮޖީ ހުނަރުތައް ޒަމާނާ އެއްގޮތަށް އިތުރަށް ތަރައްޤީ ކުރުމުގެ ފުރުސަތު ވެސް މި އެމްއޯޔޫގެ ދަށުން މަގުފަހި ވެގެންދާނެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި މެޕްސް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ -އެޑްމިނިސްޓްރޭޓިވް އެފެއާރސް އަލްފާޟިލާ އައިމިނަތު ޢަބްދުލް ވާޙިދެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ތޯހާ އެވެ. މި އެމްއޯޔޫގެ ދަށުން މެޕްސް ކޮލެޖުގެ ކޯސްތަކުގައި ހެޔޮ އަގެއްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެއަރޕޯޓްސްގެ ކޮންމެ މުވައްޒަފަކަށް ލިބޭއިރު، މިއީ އެފަދަ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެ ތަމްރީނު ލިބިގަތުމަށް ހުޅުވުނު ވަރަށް މުހިއްމު ދޮރެއްގެ ގޮތުގައާއި މަތީތައުލީމު ހާސިލް ކުރުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫން ކަމާއި ހުރިހާ މުވައްޒަފުންވެސް މަތީ ތަޢުލީމް ހާސިލް ކުރުމަށް ވަރަށް ހިތްވަރު ދެއްވާކަން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ އެޑްމިނިސްޓްރޭޓިވް އެފެއާރސް އަލްފާޟިލާ އައިމިނަތު ޢަބްދުލް ވާޙިދު ވިދާޅުވީ ސޮއި ކުރެވުނު އެމްއޯޔޫގެ އެހީގައި މޯލްޑިވްސް އެއަރޕޯޓްސް ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަތީ ތަޢުލީމު ހާޞިލު ކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ހޯދައިދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ހަމައެއާއެކު މި އެމްއޯޔޫގެ އެންމެ މުހިއްމު މަޤްސަދަކީ އެކި ދާއިރާތަކުން ފެންވަރު ރަގަޅު ހުނަރު ހުރި ކުދިން މުޖްތަމަޢަށް ނެރެ ވަޒީފާގެ މަޤާމްތަކުގައި އެ ކުދިންނަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެދިނުން ކަމަށް އައިމިނަތު ޢަބްދުލް ވާޙިދު ވަނީ ވިދާޅުވެފައެވެ.

މި އަހަރު ރިހިޔޫބީލް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު އޮންލައިންކޮށް ވެސް ގިނަ ކޯސްތައް ކާމިޔާބުކަމާއިއެކު ހިންގަމުން އަންނަ ކޮލެޖެކެވެ. ލުއި ފަސޭހަކަމާއެކު އާއްމުންނަށް މަތީ ތަޢުލީމުގެ ޚިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖަކީ 1999ވަނަ އަހަރު ވުޖޫދަށް އައި، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ.