English Edition
Dhivehi Edition

ފުވައްމުލައް ސިޓީއިން މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެ ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިއީ ފުވައްމުލަކުން މި ބައްޔަށް ފައްސިވި 2 ވަނަ މީހާއެވެ.

މި މިހާގެ ހާލު ރަނަގޅު ކަމަށާއި ބަލީގެ އެއްވެސް ނިޝާނެއް އެ މީހާގެ ގައިން ނުފެންނަ ކަމަށް ފުވައްމުލައް ހޮސްޕިޓަލުގެ ހެލްތް ސާވިސަސް މެނޭޖަރު އަހުމަދު ސައީދު ވަނީ ހާމަކުރައްވާފައެވެ.

އަހުމަދު ސައީދު ހާމަކުރެއްވި ގޮތުގައި ބައްޔަށް އެ މީހާ ފައްސިވެފައިވާ ކަން އެނގުނީ 14 ދުވަހުގެ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު އިއްޔެ ނެގި ސާމްޕަލުގެ ނަތީޖާ ލިބުމުންނެވެ.

މިހާރު އަންނަނީ އެމީހާގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އެ ހޮސްޕިޓަލުން ވަނީ ރައްޔިތުން ކަންބޮޑުނުވެ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކޮށް ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބޭއްވުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ. އަދި ހަމަ މިއާއެކު ހޯމް ކަރަންޓީންގައި ތިއްބެވި ބޭފުޅުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އެދިލައްވާފައެވެ.

ފުރަތަމަ ފަހަރަށް ފުވައްމުލަކުން ކޮވިޑް19 އަށް މީހަކު ފައްސިވެފައިވަނީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގައެވެ. އެއީ އިންޑިއާގައި ދިރިއުޅުމަށް ފަހު ފުވައްމުލަކަށް އައި އެ ރަށު އަންހެނެކެވެ. އެމީހާ ފައްސިވެފައިވާ ކަންވެސް އެނގުނީ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓު ކުރުމުންނެވެ.

ފުވައްމުލައް ހޮސްޕިޓަލުން ވަނީ މިހާތަނަށް 1000އަށް ވުރެ ގިނަ ސާމްޕަލް ނަގައި ކޮވިޑް19 އަށް ޓެސްޓުކުރުމަށް އައްޑޫ ސިޓީގައި ހުންނަ އެކުައަޓޯރިއަލް ހޮސްޕިޓަލަށް ފޮނުވާފަައެވެ.