English Edition
Dhivehi Edition
ފޮޓޯ: އެޗްޑީސީ

ފުވައްމުލައް ސިޓީ ކައުންސިލް އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޑެޓް (އެޗްޑީސީ) އާއި ދެމެދު މި މަހުގެ 11ވަނަ ދުވަހު ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ރަށްވެހި ތަރައްގީއަށް ގިނަ ފުރުސަތު ތަކެއް ފުވައްމުލައް ސިޓީއަށް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ލިރާރު ވިދާޅުވެއްޖެއެވެ.

ލިރާރު ވިދާޅުވިގޮތުގައި އެޗްޑީސީއަކީ ރަށްތައް ނުވަތަ ސިޓީއެއް ތަރައްގީ ކުރުމުގައި ނަމޫނާ ދައްކާފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ ރަށެއް ތަރައްގީ ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހުރި ބައެއް ކަމަށެވެ. ލާމަރުކަޒީ އުސޫލުގެ ދަށުން އަތޮޅު ތަކަށް އެކި ކަހަލަ ބާރުތައް ދޫކޮށްލައިފައިވާއިރު ރަށުގެ ތަރައްގީއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ރަށެއްގައި ހިންގޭ މަޝްރޫއުތަކާއި ގުޅޭ މާހިރުން ނެތުން ކަމަށްވެސް ލިރާރުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ފުވައްމުލައް ސިޓީގެ ތަރައްގީއަށް ހިންގޭ އެކި ކަހަލަ މަޝްރޫއުތަކުގައި ފަންނީ އެހީ ލިބިގެންދާނެ ކަމަށްވެސް ލިރާރުވަނީ ވިދާޅުވެފައެވެ.

ލިރާރު ފާހަގަކުރެއްވި ގޮތުގައި ރަށްވެހި ތަރައްގީއަކީ ރަށެއް ތަރައްގީ ކުރެވިގެންދާ އިރު ރަށުގެ ތިމާވެއްޓާއި ރަށަށް ލިބިގެންވާ ފެހިކަން ނުގެއްލޭނެ ފަދަ ގޮތަކަށް އެކަންތައް ކުރަން އެންމެ ރަނގަޅު ގޮތްކަމަށެވެ. މީގެ އިތުރުން މިހާރު ފުވައްމުލަކުގެ ތަރައްގީ އަށް ހެދިފައިވާ ޕްލޭންތަކަކީ ރަށުގެ ފެހި ކަމަށް އެ މަސައްކަތް ނިމޭއިރު ކިހާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއްތޯ ވިސްނާލުން މުހިންމު ޕްލޭންތަކެއް ކަމަށެވެ.

ފުވައްމުލަކުގައި މިހާރު ގޯތި ދެވިފައި ހުރި ގޮތުން ރަށުގެ ފެހި ކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށާއި ރަށުގައި ގޯތީގެ ދަތިކަން ހުރުމާއި ގުޅިގެން އިމާރާތްތަށް އިތުރަށް އުސްކޮށް ނެގިގެންދާއިރު ފުވައްމުލަކުގެ ފެހިކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށްވެސް ލިރާރު ވަނީ ވިދާާޅުވެފައެވެ. ލިރާރު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ފުވައްމުލަކުގައި ހިނގަމުން ދާ މަޝްރޫއުތަކުގައިވެސް އެޗްޑީސީގެ ފަންނީ ލަފާގެ ދަށުން ގެނެވެން ހުރި ބަދަލުތައް ގެނައުމަކީވެސް ސޮއިކުރެވުނު އެމްއޯޔޫގެ އެއް ބޭނުމެވެ.

އެޗްޑީސީ އިން ހާމަކުރި ގޮތުގައި މި ސޮއި ކުރެވުނު އެއްބަސްވުމަކީ “އެޗްޑީސީ ބިޔޯންޑް ހުޅުމާލެ” ހަރަކާތުގެ ދަށުން ސޮއި ކުރެވުނު އެއްބަސްވުމެކެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި އެއްބަސްވެވޭ ތަނެއްގައި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމާއި، ދިރިއުލެން ފަސޭހަ ރަށްވެހި ވެއްޓެއް ތަރައްްގީ ކުރުމާއި ގެދޮރު ބިނާކުރުމުގެ ވިޔަފާރި ކުރިއަށް ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން ޑިޖިޓަލް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީތެރިން ފޯރުކޮށްދިނުމާއި މުޖުތަމައުގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އެޗްޑީސީ އިން މި ހަރަކާތުގެ ދަށުން ހާސިލުކުރަން ބޭނުންވާ ކަމެކެވެ.

މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކަށް ހާއްސަ ވަސީލަތްތަށް ލިބުމުގެ މަގު ފަހިވެގެން ދިއުމާއި އިގުތިސާދީ އަދި އިޖުތިމާއީ ފައިދާތައް ލިބުމުގެ އިތުރުން އިންވެސްޓަރުންގެ ޝައުގުވެރިކަން ފުވައްމުލަކަށް ލިބިގެން ދާނެ ކަމަށް އެޗްޑީސީ އިން ވަނީ ފާހަގަކޮށްފައެވެ.