English Edition
Dhivehi Edition
ތިނަދޫގައި މިހާރު ކުރިއަށް ގެންދާ ކޯހުގެ ބައިވެރިން

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ ގދ. ޗެޕްޓަރ އާއި އޭއޯ ނިއުސް ގުޅިގެން ގދ. ތިނަދޫގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ބޭސިކް ކޯހެއް ފަށައިފިއެވެ.

އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ 19 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ބޭސިކް ލެވެލް ގެ މި ކޯހުގައި ތިނަދޫގެ 22 ޒުވާނަކު ވަނީ ބައިވެރިވެފައެވެ.

ނޫސްވެރިން ތަމްރީން ކުރާ މި ކޯހުގެ މަގްސަދަކީ ގދ.ގެ ޒުވާނުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތުވެސް ފަހި ކޮށްދިނުމެވެ.

އެގޮތުން މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭ ބައިވެރިއަކަށް ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މި ދާއިރާގައި އަމަލީ މަސައްކަތް ކޮށް ތަމްރީނު ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ފަހިކޮށް ދެވޭނެއެވެ.

ތިނަދޫގައި ކުރިއަށް ގެންދާ ކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ ޚަބަރު ލިޔުމާއި މައުލޫމާތު ހޯދުމާއި އަދި ޓީވީ ޕްރެޒެންޓިން އެވެ.

ސްކީމް އާއި އޭއޯ ނިއުސް ގުޅިގެން ތިނަދޫގައި ނޫސްވެރިން ތަމްރީނު ކުރަން ފަށާފައިވާއިރު ސްކީމް އަދި ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގުޅިގެން ތިނަދޫގައި ޗައިނާ ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ޕްރޮގްރާމު ފެށުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގައެވެ. މި ކޯހުން ވެސް އެއްވަނަ އަށް އަންނަ ބައިވެރިއަކަށް ޗައިނާގެ ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ހޯދައި ދެވޭނެއެވެ.

ސްކީމަކީ ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސަރަހައްދީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ހިންގާ ކޮމެޓީ އެކުލަވާލެވިފައިވަނީ އައްޑޫސިޓީ، ފުވައްމުލައް ސިޓީ، ގދ. އަދި ގއ ގެ ކޮންމެ ސަރަހައްދަކުން މެމްބަރުން ހިމަނައިގެންނެވެ. މީގެ އިތުރުން ކޮންމެ ސަރަހައްދެއްގައި އެ ސަރަހައްދު ތަމްސީލު ކުރާނެ ވަކި ޗެޕްޓަރ ތަކެއް ވަނީ ގާއިމު ކުރެވިފައެވެ.

ސްކީމުން ތިނަދޫގައި ކުރިއަށް ގެންދާ ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ މެއިން ސްޕޮންސަރަކީ ރިލެކްސް ފެރީ ސަރވިސް އެވެ.