އައްޑޫ ސިޓީ ހުޅުދޫ ގައި ގޭދޮށު މަސް ފެކްޓްރީ ގާއިމްކުރުމަށްޓަކައި، މެދުބަނދަރުން ފަސްދޮޅަސް ހާސް އަކަ ފޫޓުގެ ބިމެއް ދިނުމާއި ދެކޮޅަށް ހުޅުދޫ ރައްޔިތުން ނިކުމެ މުޒާހަރާކުރަން ފަށައިފިއެވެ.
މިއަދު މެންދުރު ފަހު ކުރިއަށް ދިޔަ މި މުޒާހަރާގެ ބައިވެރިންވަނީ މިއީ ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގް އަޑީގައި ތިބެގެން ހިންގަމުންދާ ބޮޑު ޖަރީމާއެއްކަމަށް ބުނެފައެވެ. މި މުޒާހަރާގައި ބައިވެރިވި ފަރާތަކުން ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެމުން ބުނީ އައްޑޫ ސިޓީ މަރަދޫ ވެސް ގޭ ދޮށު މަސްފެކްޓްރީ ހެދުމަށް ތިރީސްހާސް އަކަ ފޫޓްގެ ބިމެއް ކަނޑައަޅާފައިވާކަމަށާއި ހިތަދޫ އިން އެއްލައްކަ އަކަ ފޫޓްގެ ބިމެއް ދިނުމަށް ނިންމާފައިވާއިރު ހުޅުދޫ އިން ދީފައިވާ ބިމަކީ މަރަދޫ ބިމަށްވުރެ ދެގުނަ ބޮޑު ބިމެއް ކަމަށެވެ. އަދި ހުޅުމީދޫގައި މިހާރުވެސް މިފްކޯގެ މަސްފެކްޓްރީއެއް ހުރިއިރު އެތަން ތަރައްޤީކުރުމުގެ ބަދަލުގައި ގޭދޮށު މަސްފެކްޓްރީއެއް އަޅަން ނިންމި ނިންމުމަކީ. ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް އެ ފަރާތުންވަނީ ބުނެފައެވެ.
އައްޑޫ ސިޓީގައި ގޭދޮށު މަސް ފެކްޓްރީ ގާއިމް ކުރަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. މަރަދޫ އަދި ހުޅުދޫގެ އިތުރުން ހިތަދޫގައި ވެސް މަސް ފެކްޓްރީ ގާއިމްކުރާއިރު މި ތިން މަޝްރޫއަށް އިންޑިއާ ސަރުކާރުން 23 މިލިއަން ޑޮލަރުގެ އެހީ ދޭންވަނީ ނިންމާފައެވެ.