އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް ހިންގުމަށް ދެވޭ އެހީގެ ދަށުން އައްޑޫ ސިޓީ މަރަދޫ އާއި ހުޅުދޫމީދޫގައި ގޭދޮށު މަސް ޕްލާންޓްތައް ޤާއިމުކޮށް ހިންގުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ފޮރިން ސެކްރެޓަރީ، ޢަބްދުލްޣަފޫރު މުޙައްމަދު އަދި އިންޑިއަން ހައި ކޮމިޝަނަރ، ޝްރީ ސަންޖޭ ސުދީރުވެސް ވަނީ އޮންލައިންކޮށް ބައިވެރިވެވަޑައިގެންފަ އެވެ.
އެގޮތުން މަރަދޫގައި ޤާއިމްކުރާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤް އެވެ. އަދި ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ލޮޖިސްޓިކްސް އެންޑް އޮޕަރޭޝަންސް އަލްފާޟިލް ބައްސާމް ތައުފީގް އެވެ.
އެ އެއްބަސްވުމުގެ ދަށުން މަރަދޫގައި ޤާއިމުކުރެވޭ މަސް ޕްލާންޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަންޖެހޭނެއެވެ. އަދި އެ މަޝްރޫޢަށް 6،000،000ރ. ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހިލޭ އެހީއިން ކަމަށްވާއިރު، ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑުން 22،100،000ރ. އިންވެސްޓްކުރުމަށް ނިންމާފައިވެއެވެ.
މީގެ އިތުރުން ހުޅުދޫމީދޫގައި ޤާއިމްކުރާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެކޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤް އެވެ. އަދި މެކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ޖާވިޒް އެވެ.
އެ އެއްބަސްވުމުގެ ދަށުން ހުޅުދޫމީދޫގެ މަސް ޕްލާންޓުގެ ފުރަތަމަ ފޭސް ގެ މަސައްކަތް 11 މަސް ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަންޖެހޭނެއެވެ. އަދި އެ މަޝްރޫޢަށް 6،000،000ރ. ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހިލޭ އެހީއިން ކަމަށްވާއިރު، މެކޯ ޕްރައިވެޓް ލިމިޓެޑުން 6،613،714ރ. އިންވެސްޓްކުރުމަށް ނިންމާފައިވެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މޭޔަރ ޢަބްދުﷲ ޞާދިޤް ދެއްކެވި ވާހަކަފުޅުގައި މިފަދަ އިޤްތިޞާދީ މަންފާ ލިބިދޭ މަޝްރޫޢުތަކުން ރަމުޒުކޮށްދެނީ މިއަދުގެ ސަރުކާރުން މިސިޓީގެ ތަރައްޤީއަށް ދެއްވާ އަހަމިއްޔަތުކަން ކަމުގައި ފާހަގަކުރެއްވި އެވެ. މިއަދު ސޮއިކުރެވުނު މަޝްރޫޢުތައް މިމަރުހަލާ އާއި ހަމަޔަށް، ކޮވިޑް19 ގެ ދަތި ދުވަސްތަކުގައިވެސް ގެންދެވިފައިވަނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކުން ދެއްވި ވަރަށް ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމުގައި މޭޔަރ ވިދާޅުވި އެވެ. އެގޮތުން އިންޑިއަން ހައި ކޮމިޝަނަރަށާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމުގައި ކެނޑިނޭޅި ދެއްވަމުން ގެންދެވި އެއްބާރުލެއްވުން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުކުރު ދަންނަވާފައިވެއެވެ.
މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ނަފާ އިތުރުވެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނަށް ލިބެމުންދާ އާމްދަނީ އިތުރުކުރުމަށް ފުރުސަތުތަކެއް ފަހިވެގެން ދާއިރު، ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެން ދާނެއެވެ.
އައްޑޫ ސިޓީގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މަރަދޫ އާއި ހުޅުދޫމީދޫގައި ޤާއިމު ކުރެވޭ މަސް ޕްލާންޓްތަކުން ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ މަހުގެ އުފެއްދުންތައް އިތުރުވެގެން ދާނެއެވެ. އަދި މި މަސްޕްލާންޓްތައް ޤާއިމުކުރެވޭނީ އައިސް އުފައްދައި މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި މަސްޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކް ކުރުމާއި ޕެކޭޖް ކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.