English Edition
Dhivehi Edition
މަރަދޫ މަސް ޕްލާންޓް ޤާއިމްކުރުމަށް ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާއި ބިން ހަވާލުކުރި ކަމުގެ ލިޔުން އަރުވަނީ - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ މަރަދޫގައި ގޭދޮށު މަސް ޕްލާންޓް ޤާއިމްކުރުމަށް 31،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެކަމަށްޓަކައި މަރަދޫ ބަނދަރު ސަރަޙައްދު ކައިރިން 31،167 އަކަފޫޓުގެ ބިމެއް ވަނީ ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް އެވެ. އަދި ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިބްރާހިމް ޝެހްނީޒް އެވެ.

މަރަދޫގައި ގޭދޮށު މަސް ޕްލާންޓް ޤާއިމް ކުރުމަށް ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ ކައުންސިލުން ހަވާލުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން މަރަދޫގައި ޤާއިމުކުރެވޭ މަސް ޕްލާންޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަންޖެހޭނެއެވެ. އަދި އެ މަޝްރޫޢަށް 6،000،000ރ. ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހިލޭ އެހީއިން އެވެ. އަދި ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑުން 22،100،000ރ. އިންވެސްޓްކުރުމަށް ނިންމަވާފައިވެއެވެ.

އެ މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ނަފާ އިތުރުވެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނަށް ލިބެމުންދާ އާމްދަނީ އިތުރުކުރުމަށް ފުރުސަތުތަކެއް ފަހިވެގެން ދާއިރު، ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެން ދާނެއެވެ.

އައްޑޫ ސިޓީގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މަރަދޫދޫގައި ޤާއިމު ކުރެވޭ މަސް ޕްލާންޓުން ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ މަހުގެ އުފެއްދުންތައް އިތުރުވެގެން ދާނެއެވެ. އަދި މި މަސްޕްލާންޓްތައް ޤާއިމުކުރަނީ އައިސް އުފައްދައި މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި މަސްޕްލާންޓުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކް ކުރުމާއި ޕެކޭޖް ކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.