English Edition
Dhivehi Edition
28 ޖުލައި 2020 ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ

ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން، އިންޑިއާގެ ސަރުކާރުން މިއަދު ރަމްޒީކޮށް ދިވެހިރާއްޖޭގެ ސަރުކާރާއި ހަވާލުކޮށްފި އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާގެ ހައި ކޮމިޝަނަރ، ސަންޖޭ ސުދީރު ވަނީ 85 މިލިއަން ރުފިޔާގެ އެހީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ހަވާލުކުރައްވައިފަ އެވެ.

މި މާލީ އެހީއާއެކު، އިންޑިއާއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުންތަކެއްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ނުވަ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މި ނުވަ މަޝްރޫޢުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ އާއި މަރަދޫ އަދި ހުޅުދޫމީދޫގައި ގޭދޮށު މަސްޕްލާންޓް ޤާއިމްކުރުމާއި، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ އަދި ހުޅުދޫ އާއި މީދޫގައި ޓޫރިޒަމް ޒޯން ތަރައްޤީކުރުމުގެ އިތުރުން ހއ. ހޯރަފުށީގައި ބޯފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުން ހިމެނެއެވެ.

މި މަޝްރޫޢުތައް ހިްނގުމަށް 17 މާރިޗު 2019 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔތުގައި އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާއި، ހޯރަފުށި ދާއިރާގެ މެންބަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ފޮރިން މިިސްޓްރީ އާއި މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ އޮފިޝަލުންގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރާއި، ހޯރަފުށީ ކައުންސިލްގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލުންނާއި، ފިނޭންސް މިނިސްޓްރީ އާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ އޮފިޝަލުންވެސް އޮންލައިންކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.