English Edition
Dhivehi Edition
މޮސްކޯގެ ހޮސްޕިޓަލެއްގެ ބަލިމީހަކަށް ރަޝިޔާގެ ޑޮކްޓަރުން ފަރުވާދެނީ. --ފޮޓޯ: އޭޕީ

ވިދިވިދިގެން ދެވަނަ ދުވަހު ރަޝިޔާ އިން ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެފައިވާކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން 12,846 އެއްހާ މީހުން ޕޮޒިޓިވްވެ، 197 މީހުން ވަނީ މަރުވެފައެވެ. މިއީ ކޮރޯނާވައިރަސް ފެތުރެންފެށި ފަހުން އެ ގައުމުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. އޭގެކުރީ ދުވަހު ވެސް އެ ގައުމުގައި 12،126 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު ރަޝިޔާގައި މިހާތަނަށް 1.28 މިލިއަނެއްހާ މީހުންނަށް މި ބަލިޖެހިފައިވާއިރު، 22 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ގައުމުން މި ބަލީގައި ރަނގަޅުވި މީހުންގެ އަދަދަކީ 1,016,202 އެވެ.

މީގެއިތުރުން، ފަހަކަށްއައިސް އެ ގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު، އެމެރިކާ އާއި އިންޑިއާ އަދި ބްރެޒިލަށްފަހު މިހާރު އެންމެ ގިނަ އަދަދަކަށް ބަލިޖެހުނު މީހުން ތިބީ ރަޝިޔާ ގައެވެ.

މުޅި ދުނިޔޭން މިހާތަނަށް 37.1 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވީ މީހުންގެ އަދަދު ވަނީ 1,073,323 އަށް އަރާފައެވެ. އަދި މި ބަލީގައި ރަނގަޅުވީ މީހުންގެ އަދަދަކީ 27,918,636 އެވެ.