ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއަށް އަރުވައިފި އެވެ.
މި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ގްރޭންޑް ކްރެމްލިން ޕެލަސްގަ އެވެ.
މި ރަސްމިއްޔާތުގައި ސަފީރު އަބްދުއްރަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަޝިއާގެ ރައީސްއަށް ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް އަރިސްކުރައްވައިފަ އެވެ.
ރައީސް މުއިއްޒު، ރަޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ 11 މާޗު 2025 ގަ އެވެ. އަބްދުއްރަހީމް މިވަގުތު ހުންނެވީ ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި ވެސް މެ އެވެ.