English Edition
Dhivehi Edition

2012 އިން ފެށިގެން 2018 އާއި ހަމައަށް ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ދައްކަންޖެހުނީ މި ސަރުކާރަށްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުން ނެގި ދަރަނި ދައްކަން ޖެހެނީ މި ސަރުކާރަށް ކަމަށެވެ. އަދި މިވަގުތު ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަބުރާ ދައްކަންޖެހޭއިރު އެވަރަށް އާމްދަނީ ނެތުންކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން ވޯލްޑް ބޭންކުން މިމަހުގެ 08 ވަނަ ދުވަހު ނެރުނު ރިޕޯޓްގައިވެސް ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތް މެދުވެރިވުމުގެ ނުރައްކާ މިހާރު ވަރަށް ބޮޑުކަން ފާހަގަކޮށް، މި މަޝްރޫއުތައް ފަސްކުރަންޖެހޭ ކަމަށް ވަނީ ބުނެފައެވެ. ރާއްްޖޭން މި އަހަރަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އޮގަސްޓް މަހާ ހަމައަށް ދިޔަ އިރު ހަރަދުކޮށްފައިވާއިރު ރާއްޖޭގެ ދަރަނިވަނީ 4.8 ބިލިއަން ޑޮލަރަށް އަރާފައެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަަރަނި ހުރީ 4.4 ބިލިއަން ޑޮލަރުގަ އެވެ.