އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނިކުންނަ މެމްބަރުންނާމެދު ފިޔަވަޅު އެޅުމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ގޮވާލައްވައިފި އެވެ.
މިއީ މިފަދައިން އޭނާ ގޮވާލެއްވި ދެވަނަ ފަހަރެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނިކުންނަ މެމްބަރުންނާމެދު ޕާޓީގެ އަސާސީ ޤަވާޢިދުގައި ވާގޮތުގެމަތިން ފިޔަވަޅުއަޅަން ގޮވާލާ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބަވައިގެން ރައީސް ޞާލިޙާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނާމެދުވެސް ފިޔަވަޅު އެޅުމަށާއި އެފަދަ ބޭފުޅުން މިހާރުން މިހާރަށް މަޤާމުން ދުރުކުރަން ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
މަވޯޓާ މިހެން ގޮވާލެއްވިއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އޭނާގެ ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ މަޤާމުތަކިުގައި ތިއްބެވި ބޭފުޅުން އަންނަނީ ރައީސް ޞާލިޙާ ދެކޮޅަށް އަންނަ ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންނެވެ.
އެގޮތުން ނަޝީދު ފެކްޝަނުގެ ވަފުދެއް ޖުމްހޫރީ ޕާޓީއާ މަޝްވަރާކޮށްފައިވާއިރު، އެމަޝްވަރާތަކުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އެސްޓީއޯގެ އެމްޑީ ޙުސައިން އަމްރެވެ. އަނެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ލަޠީފެވެ.
ނަޝީދުގެ ވަފުދުން މަޝްވަރާކުރީ އަންނަ ރިޔާސީ އިންތިޚާބުގައި ނަޝީދު ފެކްޝަނާއި ޖޭޕީން ގުޅިގެން މަސައްކަތް ކުރުމަށާއި، ގުޅިފައިވާ މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭގޮތުން ނެވެ.
MDP ge riyaasee candidate aa dhekolhah nikunna memberunnaai medhu asaasee gavaaidhu gai vaa gothun fiyavalhu alhan govaalan. Sarukaaru ge siyaasee magaamu thakuga thibbevi efadha beyfulhun mihaarun mihaarah magaamun dhuru kurumah dhannavan
— Ibrahim Shareef (@AdduShareef) March 22, 2023