ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމެއް ހޯދަން ހުޅުވާލައިފިއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފައްދާފައިވާ “ފިކުރެއްގެ ދިރުން” ފެކްޝަނުން ބުނީ ޕާޓީއަށް ކިޔާނެ ނަމަކާއި ލޯގޯ އަދި ކުލަ ހުށަހެޅުމުގެ ފުރުސަތު އެ ފެކްޝަނުން ހުޅުވާލާފައިވާ ކަމަށެވެ.
މި މަހުގެ 26 ވާ ހުކުރު ދުވަހުގެ ހެނދުނު 6 ޖެހުމާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ޕާޓީއަށް ކިޔަން ބޭނުންވާ ނަމުގެ ތަފްސީލް ވެސް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާފައިވާ ކަމަށް ވެސް ބުނެއެވެ.
އާ ޕާޓީ ހެދުމަށް މަޝްވަރާކުރުމަށް މިރޭ 9 ޖަހާއިރު ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވަން އެ ފެކްޝަނުން ނިންމާފައިވާ ކަމަށާއި އެންމެބޮޑު އެއް އަމާޒަކީ އަލަށް އުފަންމިވާ ޕާޓީގައި ޒުވާނުންގެ ބައިވެރިވުމާއި ޚިޔާލާއި މަޝްވަރާ އެންމެ ފުޅާ ދާއިރާއެއްގައި އޮތުން ކަމަށް ބުނެއެވެ. އަދި ޕާޓީ އުފެއްދުމުގައާއި ސިޔާސަތު ކަނޑައެޅުމުގައި މާބޮޑަށް ޒުވާން ވިސްނުމާއި ފިކުރުއޮތުން ކަމަށެވެ.
މިރޭ ބާއްވާ އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެ ފެކްޝަނުން ވަނީ އެދިފައެވެ.