English Edition
Dhivehi Edition

 

މަރަދޫފޭދޫގެ ޒުވާނުންތަކެއްއިސްނަގައިގެން ބާއްވާ އައްޑޫސިޓީ ބެޑްމިންޓަން ޗެމްޕިއަންޝިޕް ފަށައިފިއެވެ. ބުދަ ދުވަހު ހަވީރު ފެށި މިމުބާރާތުގައި އައްޑޫސިޓީއާއި ފުވައްމުލަކުން ޖުމްލަ 7 ޓީމް ވާދަކުރެއެވެ. މި މުބާރާތުގެ ޓީމްތައް 2 ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ގޯސްމާޓް،ވޮންޑާސް،ފުވައްމުލައް އެސްޓީއޯ،އަދި ސްމޭޝާސްއެވެ.

ގްރޫޕް ބީ ގައި ހިމެނެނީ ޓީމް ޝަޓްލް،ޔުނައިޓެޑް،އަދި ފުވައްމުލަކު ބީޑީސީ އެވެ.

މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ކޮންމެ ޓީމަކުން 7 ޓައި ކުޅޭގޮތަށެވެ. އެއީ މެންސް ޑަބްލްސްގެ 4 ޓައި،މިކްސްޑަބަލްސް ގެ 1 ޓައި،މެންސް ސިންގަލްސްގެ 1 ޓައި އަދި ވުމެންސް ޑަބަލްސްގެ 1 ޓައި އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ. މުބާރާތުން 3 ވަނަ އަށް ދާ ޓީމަށް ހަމަޖެހިފައިވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމެވެ. މީގެ އިތުރުން ޓްރޮފީއާއި މެޑަލްވެސް ދެވޭ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މަލްޓި މާޓެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި އައްޑޫސުޕަމާޓް ، ވަން،އެން ހޯލްޑިންގްސް،އަސްކަނި ސްޕޯޓްސް،ތްރީއެސް،ކޯނަރ،އީހަބް،ނެނޯލެބް،އަދި ކޮންޓްރޯލް ޕީ ހިމެނެއެވެ.މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭއޯނިއުސް އެވެ.

މިމުބާރާތުގެ އޯގަނައިޒިން ކޮމިޓީގައި އިސްކޮށް ޙަރަކާތްތެރިވާ ސުލްތާން ރާމިޒް ވިދާޅުވީ މިމުބާރާތުގައި ވާދަ ކުރަމުންދަނީ އައްޑޫސިޓީއާއި ފުވައްމުލައް ސިޓީން ވެސް އެންމެ ސީނިއަރ ކުޅުންތެރިންކަން ފާހަގަ ކުރެއްވޭ ކަމަށާއި އެގޮތުން މުބާރާތް ނިމިގެން ދާއިރު ރާއްޖޭގެ ޤައުމީ ސްކޮޑުންވެސް ފެނިގެންދާނެ ފަދަ މޮޅު ކުޅުންތެރިންތަކެއް ހޮވާލެވި ގެންދާނެކަމުގައެވެ.

އިންތިޒާމް ކޮމިޓީގައި ޙަރަކާތްތެރިވާ އައިމިނަތު ނަސީރު ސިފަ ކުރެއްވީ މިފަހަރުގެ މުބާރާތަކީ މޮޅު ކުޅުމަކާއެކު ރިވެތި އަޚްލާޤެއް ދައްކައިދޭނެ ކުޅުންތެރިންތަކެއް އުފެދިގެންދާނެ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި އައްޑޫސިޓީއާއި ފުވައް މުލައްސިޓީގެ ޓީމްތަކުންވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ފުވައްމުލަކުން ގިނަ ބަޔަކު އައްޑޫއަށް އައިސްފައިވާއިރު މެޗް ތައް ކުޅެމުންދަނީ ގިނަ ޢަދަދެއްގެ ސަޕޯޓަރުންނާވެސް އެކުގައެވެ.

މުބާރާތުގައި ވާދަކުރާ ގޯސްމާޓް ޓީމްގެ އަންހެން ކުޅުންތެރިޔާ ނަސީ ބުނީ މިމުބާރާތަށް ތައްޔާރު ވުމަށް ލިބުނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެއާއެކުވެސް ޓީމްގެ ކުޅުންތެރިން ތިބީ ރަނގަޅަށް ތައްޔާރުވެ ތިބެ ވަރަށް ބަދަހިކޮށް ހިތްވަރާއެކު މުބާރާތް ކާމިޔާބު ކުރުމަށް އަތުކުރި އޮޅާލައިގެން ކަމަށެވެ.މިއީ މިމުބާރާތުގައި ބައިވެރިވާ ހަމަ ކޮންމެ ޓީމެއްގެ ވެސް ބަސްމަގު ހުރިގޮތެވެ. އެހެންކަމުން ޓީމްތަކުގެ މެދުގައި ވާދަވެރިކަމާއެކު މުބާރާތް ކާމިޔާބު ކުރުމުގެ ޖޯޝާއި ފޯރި ވަނީ ވަރަށް ގަދަވެފައެވެ.

އައްޑޫސިޓީ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ހެޑް ރެފްރީއަކީ ބެޑްމިންޓަނާއި އަދި ކުޅިވަރުގެ ދާއިރާގައި ތަމްރީނާއި ހުނަރު ހޯދައިގެން މިރޮނގުން އައްޑޫސިޓީގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ޓައިޓޭން އަޙްމަދު ޝަރީފެވެ.

އައްޑޫސިޓީގައި ފަނޑުވަމުންދާ ބެޑްމިންޓަން އަލުން ދިރުވާ މިރޮނގުން ކުޅަދާނަ ކުޅުންތެރިންތަކެއް އުފައްދައި މިކުޅިވަރަށް ޢާއްމުން ޝައުޤުވެރި ކުރުވުމުގެ މަޤްސަދުގައި ބާއްވާ މިމުބާރާތުގައި މިއަދުވެސް 3 މެޗް ކުޅޭނެއެވެ. މިމުބާރާތުގެ މެޗްތައް ކުޅެމުންދަނީ މަރަދޫފޭދޫ ޒުވާނުންގެ މަރުކަޒުގެ ކޯޓްގައެވެ.

މިއަދު ހަވީރު 4 ޖަހާއިރު ފަށާ މެޗްގައި ބައްދަލު ކުރާނީ ވޮންޑާސްއާއި ފުވައްމުލަކު އެސްޓީއޯގެ ޓީމެވެ. މިރޭ 8 ޖަހާއިރު ފަށާ 2 މެޗްގެ ތެރެއިން އެއްމެޗްގައި ބައްދަލުކުރާނީ ޔުނައިޓެޑްއާއި ފުވައްމުލަކު ބީޑީސީ އެވެ. އަނެއް މެޗްގައި ބައްދަލު ކުރާނީ ގޯސްމާޓްއާއި ސްމޭޝާސް އެވެ. މިއަދުގެ ހުރިހާ މެޗެއްވެސް އޭއޯ ނިއުސްގެ އެފްބީ ޕޭޖުން ލައިވް ސްޓްރީމް ކުރާނެއެވެ.