އެންމެ ކުޑައިރުއްސުރެ ފުޓްބޯޅައަށް އުފެދުނު ހާއްސަ ލޯތްބާއި ޝައުޤުވެރިކަމާއިއެކު ފުޓްބޯޅައިގެތެރެއަށް ވަދެވުނު ސ.ހިތަދޫ އީމާން ނަސީރު ނުވަތަ ދަނޑުމަތީގައި މަޝްހޫރު ނަމުންނަމަ ކޮލީ އަކީ އޭނާ ކުޅޭ ހުރިހާ މެޗެއްގައިވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއެކެވެ. އޭނާ ކުޅޭ މެޗުތަކުގައި، މެދުކެޑުމެއް ނެތި ސަޕޯޓަރުން އޭނާއަށް ގޮވާއަޑާއި ތަރުހީބު ދޭ އަޑު އިވިގެންދަނީ އޭނާގެ މޮޅު ހުނަރުވެރިކަމާއި ކުޅުމުގައި ގެންގުޅޭ މޮޅު އުކުޅުތަކުގެ ސަބަބުންނެވެ. އަބަދުވެސް ވަރަށް ހަލުވި މޮޅު ކުޅުމެއް ކުޅޭ ކޮލީ އެންމެ ފުރަތަމަ މުބާރާތެއްގައި ބައިވެރިވީ އުމުރުން 10 އަހަރުގައެވެ. ކުޑައިރު ރައްޓެހިންނާއި ބޭބެ އާއި އެކު މަގުމަތީގައި ކުޅެން ފެށި ކުޅިވަރުން ދަސްވި ހުނަރުތަކާއެކު ހިތަދޫ ސްކޫލް ތަމްސީލުކުރުމަށް ދަނޑުމައްޗަށް އެރި ގޮތަށް ކޮލީ ވެފައިވަނީ ފުޓްބޯޅަ ދަނޑާއި ރައްޓެހި ކުޅުންތެރިއަކަށް ވެފައެވެ. “އިންޓަ ސްކޫލް މުބާރާތުގެ ހިތަދޫ ސްކޫލަށް ކުޅުނީ. އއީ އަސްލު މި ގޮތަށް ދަނޑުމަތީގައި ކުޅުނު ފުރަތަމަ ފަހަރަކީ. އެހާ ހިސާބުން އުފެދުނު ޝައުޤާއެކު ހުއްޓާނުލި ކުރި މަސައްކަތުން މިހިސާބަށް އާދެވުނީ” އޭއޯ އަށް ދިން އިންޓަވިއުއެއްގައި ކޮލީ ބުންޏެވެ.
ދަނޑުމަތީގައި ވަރަށް އަވަސް, ހަލުވި ކުޅުމެއް ކުޅޭ ކޮލީ އަކީ ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. “ފުޓްސަލްވެސް ވަކި އުދަގުލެއް ނޫން. ހަމަ އެ ގޮތަށް ފުޓްބޯޅައިގަވެސް ކުޅެންޖެހޭ ވަގުތު އިތުރުވުމުން އިތުރު ކަންކަން ދަސްކުރަން ފުރުސަތު ލިބި ކުޅެން ބޭނުންވާ މޮޅު އުކުޅުތައް ދަސްވޭ” ކޮލީ ބުންޏެވެ. އައްޑޫ ސިޓީގައި ކުޅޭ ގިނަ މުބާރާތްތަކުގައި އެފްސީ ޒެފިއާގެ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ކޮލީ އަކީ އެ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއްކަން ޔަގީނެވެ. 10 އަހަރު ފަހުން އެފްސީ ޒެފިއާއަށް މުބާރާތެއްގެ ޗެމްޕިއަންކަން ލިބުމާއި، އެ ޓީމަށް ލިބެމުންދާ ކާމިޔާބީތަކުގައި ކޮލީގެ ހިއްސާ ވަރަށް ބޮޑުކަން ޔަގީނެވެ. އުމުރުން އެންމެ 17 އަހަރުވިއިރު ކުޅުނު ކޮންމެ މުބާރާތެއްގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޮލީ ބުނީ އޭނާއަށް އެހާ ހިސާބަށް އާދެވުމުގައި އާއިލާގެ އިތުރުން އެފްސީ ޒެފިއާގެ ހިއްސާވެސް ވަރަށް ބޮޑުކަމަށެވެ. “ހަގީގަތުގަ މިހާ ހިސާބަށް މި އާދެވުނީ ވަރަށް ގިނަ ކޯޗުންނާއި އެފްސީ ޒެފިއާގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމާއި އެކު. ޒެފިއާގެ ފަރާތުން ކުރިއަށް ދިއުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ.” ކޮލީ ބުންޏެވެ.
އައްޑޫ ސިޓީގައި ކުޅޭ ހުރިހާ މުބާރާތެއްގައިވެސް ކޮލީގެ ހުނަރު ފެނިގެންދާއިރު ދަނޑުމައްޗަށް އެރުމަށްފަހު އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކުޅެމުންދާއިރު މުޅި ޓީމްގެ އެހެންކުޅުންތެރިންނަށް ހިތްވަރު ދީ އެންމެން އެކުގައި މަސައްކަތްކޮށް މޮޅުވުމަށް ކަމަށް ކޮލީ ބުންޏެވެ. ޓީމަކަށް ކުޅުމަށް އެއްބަސްވުމުގެ ކުރިން ކޮލީ އަބަދުވެސް ގިނަ ބައެއްގެ މަޝްވަރާ ހޯދާކަން ފާހަގަކޮށް އޭނާ ބުނީ” އަބަދުވެސް އެންމެ ކުރިން މަޝްވަރާކުރަނީ ދޮންބެ އާއި. ދެން ޒެފިއާ އާއި މަޝްވަރާކުރުމަށްފަހު އަބަދުވެސް ގޮތް ނިންމަނީ” ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ކޮލީއަށް މަގުދައްކާ މީހުންގެ މަޝްވަރާއާއި ލަފާގެ މުހިއްމު ކަން ހާމަކުރަމުން އޭނާ ބުންޏެވެ.
. އަބަދުވެސް އެންމެ ކަމުދާ ކުޅުންތެރިއަކީ ނޭމާ ކަން ފާހަގަކޮށް ކޮލީ ބުނީ މިހާރު އެންމެ ދެކެން ބޭނުން ދުވަހަކީ އައްޑޫ ސިޓީގައި ބާއްވާ ސިޓީގައި ބާއްވާ ބޮޑު މުބާރާތެއްގައި، ޒެފިއާއަށް ކުޅޭ އެ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭ ދުވަސްކަމަށެވެ. ދުވަހަކުވެސް ކުޅޫމާ ދުރުގައި ހުންނަން ބޭނުންނުވާ ކޮލީ ބުނީ އޭނާ ބޭނުންވަނީ ފިޓްވޯޅައިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުންކަމަށެވެ. “މިހާރު އެންމެ ބޮޑު އުއްމީދަކީ ގައުމީ ޓީމްގެ އުމުރުން 19 އަހަރުން ދަށުގެ ޓީމަށް ކުޅުން” ކޮލީ ބުންޏެވެ.
“މި ލިބޭ ކާމިޔާބީތަކުގެ ފަހަތުގައި ވަނީ މެދުކެނޑުމެއްނެތި ހިތްވަރުދޭ ސަޕޯޓަރުންގެ ސަޕޯޓް. އެހެންކަމުން މި ފުރުސަތުގައި އަޅުގަނޑަށް އެހީތެރިވެ، އެއްބާރުލުންދީ ސަޕޯޓްކޮށްދޭ ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ” ކޮލީ ބުންޏެވެ. އޭއޯ އިން އެދެނީ ކޮލީ އަށް ފުޓްބޯޅައިގައި އިތުރު ކާމިޔާބީ އާއި ކުރިއެރުމެވެ