އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް ފައިނަލުގައި މެދުވަލު އެފްސީ ބަލިކޮށް ފޭދޫ ސްޕޯޓްސް ކާމިޔާބުކޮށްފި އެވެ. މި މެޗުން ފޭދޫ ސްޕޯޓްސް މޮޅުވީ 2-1 އިންނެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ބޭރުމަތި އެފްސީ ބަލިކޮށް މެދުވަލު އެފްސީ ފައިނަލަށް ދަތުރުކުރިއިރު، ފޭދޫ ސްޕޯޓްސް ފައިނަލުން ޖާގަ ހޯދީ ސެމީގައި ފާހި ސްޕޯޓްސް ބަލިކުރުމަށް ފަހުގައެވެ.
އިއްޔެގެ މެޗަށް ނިކުތްއިރު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ފޭދޫ ސްޕޯޓްސް އިންނެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ހީކުރި ގޮތާ އެއްގޮތަށް ކުރީން ލީޑްނެގީ ވެސް ފޭދޫ ސްޕޯޓްސް އިންނެވެ. ފުރަތަަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 27 ވަނަ މިނެޓުގައި ޖަހައިދިނީ އަލީ ނާފިއު އެވެ. މިއީ ގައުމީ ޓީމުގެ ކުރީގެ އިތުބާރު ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) ނަގައިދިން ރީތި ހުރަހަކުން ލިބުނު ބޯޅައެއް ނާފިއު ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ފޭދޫ ސްޕޯޓްސްގެ ލީޑް ފުޅާކުރުމަށް ނާފިއު އަށް ރަނުގެ ފުރުޞަތެއް ލިބި ބޭކާރުވެފައިވާއިރު މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ އަލީ ސަރީރު އެވެ. މިއީ މެދުވަލު އެފްސީގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ގޯލްގެ ރޮނގުމަތިން ފޮނުވާލައިގެން ސަރީރު ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި މެދުވަލު އެފްސީ އިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހާޒިމް ފައުޒީ އެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ ނާފިއު އެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރުގެ އިތުރުން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ބޭރުމަތި ޓީމުގެ ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގެ ހަ ލަނޑުޖަހާފައެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ފޭދޫ ސްޕޯޓްސްގެ ހަސަން ހަނީފް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ މެދުވަލު އެފްސީގެ މުހައްމަދު ޒަޔާން އެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން 20 އަހަރުގެ ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފޭދޫ ސްޕޯޓްސްގެ ޔޫސުފް ސިދާން އަލީ އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް އެފްސީ ބޭރުމަތި ޓީމުގެ މޫސާ ވަހީދު ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ފާހި ސްޕޯޓްސް އެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ފޭދޫ ސްޕޯޓްސް އަށް ޗެމްޕިއަންކަން ހޯދައިންދިން އިބްރާހިމް ނިޒާރު އެވެ.