English Edition
Dhivehi Edition
މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށްފަހު ނިޒާމްބެ އެ ޓީމުގެ ޖާޒީ ދައްކާލަނީ. --ފޮޓޯ: މާޒިޔާ ފޭސްބުކް

މިދިޔަ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވި މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ކޮންޓްރެކްޓް ހަމަވުމުން އޭނާ ދޫކޮށްލަން ނިންމުމަށްފަހު، އެ ޓީމުގެ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

އެގޮތުން، ނިޒާމްބެ އާއެކު މި އަހަރުގެ އޭއެފްސީ ކަޕާއި، ކުރިއަށް ސީޒަނަށް އެއްބަސްވުމަކަށް އައިސްފައިވާކަން މާޒިޔާ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުރީން ޓީސީ ސްޕޯޓްސް ކްލަބަށް އިރުޝާދުދީފައިވާ ނިޒާމްބެ އެންމެ ފަހުން ކޯޗުކޮށްދިނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން އަށެވެ. މިއާއެކު ނިޒާމްބެ ވަނީ ސަރަހައްދުގެ ވަރުގަދަ ލީގެއްގައި ކޯޗުކޮށްދިން ފުރަތަމަ ބިދޭސީ ކޯޗުގެ ޝަރަފު ހޯދާފައެވެ. ނަމަވެސް، ސައިފްއާ އެކު ނިޒާމްބެ ނިކުތް ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން އެ ޓީމު ކެޓުމާ އެކު މެނޭޖްމަންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ނިންމީ ކޮންޓްރެކްޓް އުވާލާށެވެ.

ނިޒާމްބެގެ ކޯޗިން ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ޓީސީ ގައެވެ. 2014 ވަނަ އަހަރު އެ ޓީމު ދެވަނަ ޑިވިޝަނުން ޕްރޮމޯޓުކޮށްދީ ފުޓްބޯޅައިގެ ގަދަބާރަކަށް ހަދައިދީ އެއްފެންވަރެއްގައި ރަނގަޅު ނަތީޖާތަކެއް ހޯދައިދީފައިވެއެވެ. ނިޒާމްބެ ޓީސީ އާއެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދަައިދީ، އަދި އެ ޓީމާއެކު ޖެހިގެންއައި 2018 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ވެސް ކާމިޔާބުކޮށްދީފައެވެ.

ނިޒާމްބެ އަކީ މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމަށް ކޯޗުކޮށްދޭ ތިންވަނަ ދިވެހި ކޯޗެވެ. ނިޒާމްބެގެ އިތުރުން މާޒިޔާ އަށް މީގެކުރީން އިރުޝާދުދިން ދިވެހި ކޯޗުންނަކީ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭން އެވެ.

މާޒިޔާގެ ކޯޗެއްގެ ގޮތުގައި ނިޒާމްބެ އަށް އެންމެ ފުރަތަމަ ކުރިމަތިލާންޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ މެޗުތަކެވެ. މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމާއެކު ދެން ހިމެނެނީ ނިޒާމްބެގެ ކުރީގެ ޓީމު ޓީސީގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.