English Edition
Dhivehi Edition

ތިން ފުލުހަކަށް އިންޒާރު ދިން މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުން ބުނީ ތިން ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، މުޙައްމަދު ވަޙީދު އިބްރާހީމް (20އ) ގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ދައުލަތުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދައުވާ އުފުލާފައިވަނީ، 2019 ޑިސެމްބަރ މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެތިން ފުލުހުން މަރަންވީކަމަށް ބުނެފައިވާ މައްސަލައާއި ގުޅިގެން ކަމަށެވެ.

އަދި އެ ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ، އެ މައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ވަހީދު އިބްރާހީމް ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިޢުތިރާފުވެފައިކަން އެނގެން އޮތުމުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ދަށުން އިންޒާރުދިނުމުގެ ކުށް ޝަރީޢަތަށް ސާބިތުވާ ކަމުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ އިންޒާރު ދިނުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް (މިއީ އޭނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައި ވުމުން) އެ ގާނޫނުގެ ދަށުން މުޙައްމަދު ވަޙީދު އިބްރާހީމް، 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށް ޤަޟިއްޔާގައި ވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.