ވިލިމާލޭގެ ހުސްބިންތަކުގައި ޤަވާއިދާ ޚިލާފަށް އިންދާފައިވާ ގަސްތައް އެއް މަސް ދުވަހުގެ ތެރޭގައި ނެގުމަށް އަންގައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ވިލިމާލޭގެ ހުސްބިންތައް ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަން ވާނީ 24 ނޮވެމްބަރު 2019 ގައި ކުރި އިޢުލާނަކުން މަނާކުރެވިފައި ކަމަށެވެ.
މީގެ އިތުރުން ފަހަކަށް އައިސް ވިލިމާލޭގެ އެކިސަރަޙައްދު ތަކުގައި ހުރި ހުސްބިންތައް ހުއްދަނުނަގާ ބިއްގަނޑު ޖަހާ ބަންދުކޮށް ގަސް އިންދާ ހައްދަން ބޭނުންކުރެވެމުންދާ ކަމަށާއި، އެކަމަކީ މާލެ ސިޓީގެ ހުސްބިންތަކާއި، އެކިސަރަހައްދުތަކާއި އަދި މަގުމަތީ ތަކެތި ބެހެއްޓުމުގެ ޤަވާޢިދާއި ޚިލާފް ކަމަކަށް ވާތީވެ، މިއަދުން ފެށިގެން (05 އޮކްޓޫބަރު 2020، ހޯމަ) 01 މަސް ދުވަހުގެ ތެރޭގައި ގަސްތައް ނެގުމަށްފަހު ތަން ސާފުކުރުމަށް އަންގާ ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ.
އަދި މިމުއްދަތު ހަމަވުމުން ނުނަގާ ހުރި ގަސްތައް ނެގުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާނެ ކަމަށާއި އެގޮތަށް ނެގޭ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ އެ އިދާރާއިން ނެގެން ނޯންނާނެ ކަމުގައިވެސް އެ އިޢުލާނުގައި މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.