އީސަ އޮންލައިން ޕޮއެޓްރީގެ ފަރާތުން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ޅެން ހަދަން ދަސްކޮށްދިނުމުގެ ކޯސް ފެއްޓުމުގެ ރަސްމިއްޔާތުގައި، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު އާމިރު އަހްމަދު (ފަރެސް އާމިރު) ފުވައްމުލަކަށް ދެވުމަކީ ދިވެހިރާއްޖޭގެ ކަޝްމީރަށް ދެވުން ފަދަ ކަމެއް ކަމަށް ވިދާޅުވުމާއި ގުޅިގެން އެބޭފުޅާއަށް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
މީސްމީޑިއާގައި ގިނަ މީހުންތަކެއް އެކަމަށް ފާޑު ކިޔަމުން އަންނައިރު ގިނަ ބަޔަކު ބުނެފައިވަނީ ފުވައްމުލަކާއި ކަޝްމީރާ އެއްވެސްކަހަލަ އެއްގޮތް ކަމެއް ނެތްކަމަށެވެ. އެގޮތުން ކަޝްމީރު ފަދަ ތަޅާފޮޅުމާއި ހަމަނުޖެހުން ބޮޑު ތަނަކާއި އެއްވަރުކޮށް ވާހަކަ ދެއްކެވުން އެއީ ފަރެސް އާމިރު ކުރެއްވި ވަރަށް ބޭއަދަބީ ކަމެއްކަމަށްވެސް ބައެއް މީހުން ވަނީ ހާމަކޮށްފައެވެ.
މިކަމާއި ބެހޭ ގޮތުން އޭއޯ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ފަރެސް އާމިރު ވިދާޅުވެފައިވަނީ ފުވައްމުލަކުގެ ވާހަކަ ދެއްކެވުމަށްޓަކައި ކަޝްމީރު މިސާލަކަށް ނެންގެވީ ފުވައްމުލަކުގެ ރީތިކަމާއި ފުރިހަމަކަމަށް ތަޢުރީފުކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ. އެގޮތުން ފުވައްމުލަކުގެ ފެހި ކަމާއި ގަސްގަހާގެހީގައި ފޮޅިފައިވާ މާތަކާއި މޭވާތަކަށް ތަޢުރީފުކުރުމުގެ ގޮތުން ނެންގެވި މިސާލެއް ކަމަށްވެސް ފަރެސް އާމިރު ވަނީ ވިދާޅުވެފައެވެ.
“މިސާލު ޖަހާއިރު އެއްޗަކަށް އެއްޗެއް ނޯންނާނެ، ކަޝްމީރުގައި ހުންނަ ފަރުބަދައަކަށް މިތާ ފަރުބަދައެއް ހުންނާކަށް ނުޖެހޭ،، މިސާލުޖަހާ އެތިން ނަގާނީ މިސާލު ޖަހަން ބޭނުންވާ ބައި އެކަނި. މިސާލަކަށް މީހެއްގެ ވާހަކަ ބަޔާންކުރާއިރު ސިންގާ އަކުން ބަޔާންކޮށްދޭ އިރު ފާހަގަކުރަނީ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަން. އޭގެ ކެހެރިގަނޑެއް ނުނަގާނެ މިސާލަކަށް.” ފަރެސް އާމިރު ވިދާޅުވިއެވެ.
ފަރެސް އާމިރު އިތުރަށް ވިދާޅުވިގޮތުގައި ފުވައްމުލަކުގެ މީހުންގެ ހިތްހެޔޮ ކަމަށާއި ރަށުގެ ހިތްގައިމު ކަމުގެ އިތުރަށް ސަގާފަތަށް ބިނާކޮށް ފުވައްމުލަކަކީ ދިވެހިރާއްޖޭގެ ކަޝްމީރުކަމަށް ވަރަށް ކުރީއްސުރެވެސް ބުނެ އުޅޭކަމަށެވެ.
ފުވައްމުލަކުގެ ރީތިކަމާއި މީހުންގެ ހިތްހެޔޮ ކަމަށް ބިނާކޮށް ވަރަށް ގިނަ ގޮތްގޮތައް މީހުން އެކަންތައް ސިފަކޮށްދެއެވެ. އެގޮތުން ފުވައްމުލަކަކީ އެންމެ އުފާވެރި ތަނުގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ފުވައްމުލައް ސިފަ ކުރަމުންނެވެ.