English Edition
Dhivehi Edition

ބައިނަލް އަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅުވައިގެން ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ “ހަންހާރަ ހަވީރި” ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން ސްކީމް އަދި ފޭދޫ ޑަބްލިޔުޑީސީ އާއި ފޭދޫ އަދި މަރަދޫގެ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ މި ހަވީރުގައި އުމުރުން ދުވަސްވީ މީހުންގެ 200 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

އިއްޔެ ހަވީރު 4:00 އިން 6:00 އަށް ފޭދޫ ފަތާޓްރެކް ސަރަހައްދު ކުރިމަތިން ހިއްކިބިމުގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި އުމުރުން ދުވަސްވީ މީހުންގެ ވާހަކަ ކިޔައި ދިނުމާއި އެމީހުންގެ ޝުއޫރު ފާޅުކުރުމުގެ އިތުރުން އެމީހުންނަށް ޚާއްޞަކޮށްގެން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މެޑިކަލް ޗެކަޕް ކުރިއަށް ގެންގޮސް ފައިވަނީ އެއިމްސް ކްލިނިކުގެ ފަރާތުންނެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދިޔަ މި ހަވީރަކީ ދޮށީއުމުރުގެ މީހުންގެ އަގު ވަޒަން ކުރުމާއި އެފަދަ މީހުންނަށް އުފާވެރި ހިތްހަމަ ޖެހޭ މާހައުލެއް ހޯދައި ދިނުމުގެ ގޮތުން ބޭއްވި ހަވީރެކެވެ. މި ހަވީރުގައި ބައިވެރިވި އުމުރުން ދުވަސްވީ މީހުންނަށް ސްކީމްގެ ފަރާތުން ވަނީ ހަދިޔާ ދީ ފައެވެ. މީގެ އިތުރުން ފޭދޫގެ ބައެއް ވިޔަފާރި ސްޓޯލްތަކުން ވަނީ އެސަރަހައްދުގައި ލުއިކާނާއާއި ބުއިން ލިބޭނެ އިންތިޒާމުވެސް ކޮށްފައެވެ.

މި ހަވީރު ކުރިއަށް ގެންދިއުމުގައި ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވާއިރު ޑަބްލިޔުޑީސީގެ ފޭދޫ މެމްބަރު ޒާހިރާ އާއި އަދި ފޭދޫގެ ގިނަ ރައްޔިތުންގެ އެހީތެރިކަން ވަނީ ލިބިފައެވެ. މީގެ އިތުރުން ފޭދޫ ހެޕީމާކެޓާއި ތްރީ އެސް އަދި ހިތަދޫ ހެޕީޒޯން ފިހާރައާއި އެމްޓީސީސީ އަދި ފޭދޫ އަވަށު އޮފީހާއި މަރަދޫ އެޅާނޑި ފަންނުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި ހަރަކާތަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އިވެންޓްގެ ޕްރިންޓިން ޕާޓްނަރ އަކީ ކޮންޓްރޯލްޕީއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ. \

ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހަކީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހެވެ. މި އަހަރުގެ ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ” 60 + ކައުންޓްސް” އެވެ.

.