English Edition
Dhivehi Edition

ފުވައްމުލަކަށް ދެވުމަކީ ދިވެހިރާއްޖޭގެ ކަޝްމީރަށް ދެވުން ފަދަ ކަމެއް ކަމަށް ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު އާމިރު އަހްމަދު (ފަރެސް އާމިރު) ވިދާޅުވެއްޖެއެވެ.

ފަރެސް އާމިރު މިފަދައިން ވިދާޅުވެފައިވަނީ އީސަ އޮންލައިން ޕޮއެޓްރީގެ ފަރާތުން ފުވައްމުލައް ސިޓީގައި އިއްޔެ ފެއްޓި ޅެން ހަދަން ދަސްކޮށްދިނުމުގެ ކޯސް ފެއްޓުމުގެ ރަސްމިއްޔާތުގައެވެ. ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ، ކުރުނދުމާ މާލަމުގައި ކުރިޔަށް ގެންދިޔަ މި ރަސްމިއްޔާތުގައި ފަރެސް އާމިރު ބައިވެރިވެފައިވަނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.

މި ރަސްމިއްޔާތުގައި ބައިވެރިންނާއި މުހާތަބު ކުރައްވާ ފަރެސް އާމިރު ވިދާޅުވި ގޮތުގައި ފުވައްމުލަކަކީ ޅެންވެރިކަމުގައި މާޒީއެއް އޮތް ރަށެއްކަމަށާއި ފުވައްމުލައް އެ ބަޔަކަށްޓަކައި ފަޙުރުވެރިވާނޭ އެތައް ޅެން ވެރިންތަކެއް ވަނީ ފުވައްމުލަކުގެ ފަސްގަނޑުން ވަނީ އުފެދިފައެވެ.

“ދިވެހި ޅެންވެރިކަމުގެ އެންމެ އުސް ކުރިބޯށި ކަމުގައިވާ ނައިބު ތުއްތު އަކީ މި ރަށުން އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހޭ ބޭފުޅެއް. ހަމަ އެހެންމެ ކަރައްޔެ ކަޅު ތުއްތު ދީދީ އަކީ ހަމަކަށަވަރުން ވެސް ފުވައްމުލަކުގެ ޅެންވެރިކަމުގެ ފަޙުރާއި ޝަރަފް. މި ޅެންވެރިންގެ ނަންފުޅާއި މަސައްކަތްފުޅާއި ފަންނު ފުވައްމުލަކުން ފޮހެވިގެން ގޮސްގެނެއް ނުވާނެ. އެއީ ދިވެހި އަދަބުގެ ވިދާ ތަރިތަކެއް، ފުވައްމުލަކުގެ ޝަރަފާއި ފަޙުރުގެ ނިޝާންތަކެއް. އެހެންކަމުން ހަމައެކަނި މި ސަބަބައްޓަކައިވެސް ފުވައްމުލަކުގައި ޅެންވެރިކަން ކުރިއަރައި ދާން އެބަޖެހޭ.” ފަރެސް އާމިރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ލިރާރު ވިދާޅުވިގޮތުގައި ފުވައްމުލަކުގައި ޅެންވެރިކަން ކުރިއެރުވުމަށްޓަކައި ސިޓީ ކައުންސިލުން ދެވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އެބޭފުޅުން ތިބީ ތައްޔާރަށެވެ. އެގޮތުން އިއްޔެ ފެއްޓުނު ޅެންވެރިކަމުގެ ލެވެލް 1 ގެ ކޯސް ނިމި ބައިވެރިން ބޭނުންވާނަމަ ލެވެލް 2 އަދި ލެވެލް 3ގެ ކޯސް ފުވައްމުލަކުގައި ހިންގުމަށް ކައުންސިލުން ތައްޔާރަށް އޮތް ކަމަށްވެސް ލިރާރު ވަނީ ފާހަގަކުރައްވާފައެވެ، ލިރާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ކޯހުގެ ބައިވެރިން ހަދާ ޅެންތައް ފެންނާނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ވިސްނުންވެސް އެބޭފުޅުން އަންނަނީ ގެންގުޅުއްވަމުންނެވެ.

ޅެންވެރިކަމުގެ ކޯސް އިންތިޒާމުކޮށް ހިންގާ ފަރާތް ކަމުގައިވާ އީސާ ޝަރީފު ވިދާޅުވިގޮތުގައި ފުވައްމުލަކަށް ނިސްބަތްވާ މީހުން އެ ފަރާތުން ހިންގި އެކި ކޯސްތަކުގައި އެކި ފަހަރު މަތިން ވަނި ބައިވެރިވެފައެވެ. އަދި މިފަހަރު ފުވައްމުލަކުން ލިބުނު ތަރުހީބަކީ ހީކުރި ވަރަށްވުރެން ބޮޑު ތަރުހީބެއްކަމަށާއި ކޯހުގެ ބައިވެރިންނަށް ކޯހުގައި ކިޔަވައިދެވޭ ތަކެތި އެންމެ ރަނގަޅު ގޮތުގައި ކިޔަވައިދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އީސަ ވަނީ ފާހަގަކުރައްވާފައެވެ.

މި ކޯހުގައި ޖުމްލަ 87 ބައިވެރިން ބައިވެރިވެފައިވާ އިރު މި ކޯސް ހިންގުމަށް ނިންމައިފައިވަނީ ހިލޭ ސާބަހަށެވެ. މި ކޯހުގައި އީސާ ޝަރީފުގެ އިތުރުން ފަރެސް އާމިރު ކިޔަވައިދެއްވާއިރު ކޯހުގައި ޅެން، ލަވަ އަދި މަދަހަ ހަދަން ދަސްކޮށްދެވޭނެއެވެ. މި ކޯސް އަންނަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ނިމޭއިރު، ކޯސް ނިމުމުން ލެވެލް 2 އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ފެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އީސަ އޮންލައިން ޕޮއެޓްރީ އިން ވަނީ މައުލޫމާތުދީފައެވެ. މި 2 ކޯސް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ.

1 ކޮމެންޓް
Kashmir ga mihaaru hingamundhaa kan ingeytha
އޮކްޓޯބަރު 4, 2020
Kash mir ge mihaaruge haalathakee koba #faresameer ????