English Edition
Dhivehi Edition

އީސަ އޮންލައިން ޕޮއެޓްރީގެ ފަރާތުން ފުވައްމުލައް ސިޓީގައި ހިންގި ޅެން ހަދަން ދަސްކޮށްދިނުމުގެ ކޯސް، ފުވައްމުލައް ޅެންވެރިންގެ ކޯދު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް އާއި ގުޅިގެން މި މަހުގެ 1 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ވަނީ ޅެން ހަދަން ދަސްކޮށްދޭ ކޯހުގެ ލެވެލް 1 އަދި ލެވެލް 2 ބައިވެރިންނަށް ކިޔަވައިދީފައެވެ.

“އަޅުގަނޑުމެން ކޯސް ފަށައިގެން އައީ ލެވެލް 1ގެ ކޯހެއްގެ ގޮތުގައި، އެހެން ނަމަވެސް ކޯހުގެ ބައިވެރިން ވަރަށް އަވަހަށް ކޯހުގައި ކިޔަވައިދެވުނު އެއްޗެހި ނަގައިގަތުމުން ކޯހުގެ ސްޕީޑް ދިޔަ ގޮތުން ކޯސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަން އެނގުނު. އަދި ކޯހުގެ ބައިވެރިންވެސް އިތުރަށް އުނގެނެން ބޭނުންވީމަ ނިންމީ ކޯހުގެ ލެވެލް 2 ވެސް ކުރިއަށް ގެންދަން.” މި ކޯސް އިންތިޒާމުކޮށް ހިންގި ފަރާތް ކަމުގައިވާ އީސާ ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ ފުވައްމުލަކުގައި މި ކޯހުގެ އިތުރުން ތަފާތު އެހެން ކޯސްތައްވެސް އެ ބޭފުޅާގެ އެއްބާރުލުން ލިބިގެންދާނެކަމަށް އީސަ ވަނީ ވިދާޅުވެފައެވެ. އެގޮތުން އީސަ މަސައްކަތްކޮށްފައިވާ އެހެނިހެން ދާއިރާތައް ކަމުގައިވާ ވީޑިއޯ ހެދުމާއި ކުރެހުން އީސަ ވަނީ ފާހަގަކުރައްވާފައެވެ.

ކޯހާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު އާމިރު އަހްމަދު (ފަރެސް އާމިރު) ވިދާޅުވީ ކޯހުގެ ބައިވެރިންގެ ފަރާތުން ކުރިއަށް އޮތް ތަނުގައިވެސް ޅެންވެރިކަމުގެ ދާއިރާއިން ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން ކޯހުގެ ބައިވެރިން ކޯހުގައި ދެއްކެވި އެއްބާރުލުމާއި ފެނިގެން ދިޔަ ހުނަރު ފަރެސް އާމިރު ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލުގެ ޑިރެކްޓަރ އަހުމަދު ނިޖާހް ވިދާޅުވީ ކޯހުގެ ބައިވެރިންގެ ޅެންތައް އެއްތަނަކުން ފެންނާނެ ފަދަ އިންތިޒާމެއް ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ހަމަޖެހިގެން ދާނެ ކަމަށެވެ. މީގެ އިތުރުން ފުވައްމުލަކުގައި ބޭއްވޭ އަދަބީ ކަންކަމުގައި ޅެންވެރިންގެ ބައިވެރިވުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ނިޖާހް ވަނީ ވިދާޅުވެފައެވެ.

މި ކޯހުގައި ޅެން ހެދުމުގެ އިތުރުން ލަވަ އަދި މަދަހަ ހަދަން ދަސްކޮށްދީފައިވާއިރު 45 ބައިވެރިންވަނީ ކޯސް ނިންމާފައެވެ.