ކްރިމިނަލް ކޯޓުން ބޭރުކޮށްލި, ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހަތް ދައުވާ އަލުން ބަލަން ހައިކޯޓުން އަމުރު ކުރުމުން އެ މައްސަލަތައް މިއަދު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދަޢުވާ އަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާއަކާއި ރަސްމީ ޙައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއަކާއި މަނީ ލޯންޑިންގެ ދެ ދަޢުވާއެކެވެ. މި ދައުވާތަކުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 3:00 އަށެވެ.
އަދީބުގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރު ކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބެއްލެވި ފަޑިޔާރުންގެ އިއްތިފާގުން، މި މަހުގެ 21 ވަނަ ދުވަހު އިއްވި ހުކުމުގައި ވަނީ އަދީބުގެ ހަތް މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް އަމުރުކޮށްފަ އެވެ
މި ސަރުކާރުގައި އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު ކުރި މި ދައުވާތަކުގެ މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި ބެއްލެވީ ގާޒީ އިސްމާއިލް ރަޝީދުއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަތައް ނުބަލޭނެކަމަށް ނިންމާ ބޭރުކޮށްލުމާއި ގުޅިގެން އިސްމާއިލް ރަޝީދު ސަސްޕެންޑްކޮށްފައިވާއިރު ކްރިމިނަލް ކޯޓުގައި މިއަދު، އަދީބުގެ ޝަރީޢަތް ފަށާއިރު މި މައްސަލަތައް ބައްލަވަނީ ޤާޟީ ޙަސަން ސަޢީދު އެވެ.