އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން އަމިއްލަ ފަރާތަކުން ފެށްޓި ރިލެކްސް ފެރީއިން ޖާގަ ހޯދައި ޓިކެޓަށް ފައިސާ ދެއްކޭނެ ލުއި ފަސޭހަ ގޮތްތަކެއް އެ ހިދުމަތް ދެމުން އަންނަ ރިލެކްސް ސްޕީޑުން އިންތިޒާމުކޮށްފިއެވެ.
އެކުންފުނިން ހާމަ ކުރި ގޮތުގައި ފެރީއިން ޖާގަ ހޯދަން ބޭނުންވާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ދަތުރުކުރަން ބޭނުންވާ މަންޒިލަކަށް ޖާގަ ހޯދުމާއި ފައިސާ ދެއްކޭނެ ފަދަ ގޮތެއް އިންތިޒާމުކުރުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ވީހާވެސް ބުރަ ބޮޑު ނުވާނެ ފަދަ ގޮތަކަށް ދަތުރުފަތުރުގެ ހުރިހާ ކަމެއް ހަމަޖައްސައިދިނުމެވެ.
އެގޮތުން އެ ފެރީއިން ޖާގަ ބޭނުންވާ ފަރާތްތަކުން ދަތުރުކުރާ ފަރާތެއްގެ މައުލޫމާތު، ދަތުރުވެރިޔާގެ ނަން، ގުޅޭނެ ފޯން ނަންބަރު، ދަތުރުކުރަން ބޭނުންވާ މަންޒިލް އަދި ދަތުރުކުރަން ބޭނުންވާ ތާރީހް ޖެއްސެވުމަށްފަހު 7731759 ނުވަތަ 7881124 ނުވަތަ 9998836 ނުވަތަ 9425917 އަށް ވައިބާ މެދުވެރިކޮށް ނުވަތަ ފޯނުން މެސެޖް ކުރުމުން ޖާގަ ކަށަވަރު ކުރި ކަމުގެ މެސެޖެއް ލިބޭނެއެވެ. މި މެސެޖް ލިބޭ ވަގުތުން ފެށިގެން ދަތުރުވެރިޔާ އަށް ޖާގަ އެއް ކަށަވަރުވީއެވެ.
ރިލެކްސް ސްޕީޑް އިން ހާމަ ކުރި ގޮތުގައި ދަތުރުވެރިޔާ އަށް ލިބޭ މެސެޖުގައި ފައިސާ ޖަމާކުރަންޖެހޭ އެކައުންޓާއި އެކައުންޓުގެ މައުލޫމާތު ވެސް ވާނެއެވެ. ފައިސާ ދެއްކުމަށްޓަކައި މެސެޖުގައިވާ އެކައުންޓް ނަންބަރަށް ދަތުރަށް ނެގޭ ފައިސާގެ އަދަދު ޖަމާ ކުރުމަށްފަހު ޖާގަ ހޯދުމަށްޓަކައި މެސެޖުކުރި ނަންބަރަށް ސްލިޕްކޮޅު ވައިބާ މެދުވެރިކޮށް ފޮނުވުމުން ދަތުރުވެރިޔާގެ ޓިކެޓް ވައިބާ މެދުވެރިކޮށް ދަތުރުވެރިޔާ އަށް ފޮނުވޭނެއެވެ،
ރިލެކްސް ސްޕީޑުން ވަނީ ކަސްޓަމަރުން އެކައުންޓަށް ފައިސާ ޖަމާ ކުރާއިރު އެކައުންޓް ނަންބަރު ރަނގަޅުތޯ ކަށަވަރުކުރުމަށް ވަނީ އެދިފައެވެ.
އެ ކުންފުނިން ބާއްވަމުން އަންނަ ފެރީ ސާވިސް ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު އައްޑޫ އަށް ދަތުރުތައް ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު މި ދަތުރުތައް ރާވާފައި ވަނީ ހުވަދު އަތޮޅުގެ ރަށްތަކުގެ ތެރެއިން ތިނަދޫ، މަޑަވެލި، ނަޑެއްލާ، ރަތަފަންތޫ ފިޔޯރީ، ފަރެސްމާތޮޑާ އަދި ވާދޫ ރޫޓުގެ ތެރެއިންނެވެ. އައްޑޫން ވާދޫ، އަދި ފަރެސް މާތޮޮޑާ އަށް 700 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު އައްޑޫއިން މަޑަވެލި އަދި ތިނަދޫއަށް އެއްކޮޅު އަގަކީ 800 ރުފިޔާއެވެ. ފުވައްމުލައް/އައްޑޫ ދަތުރަކަށް ކޮޅަކަށް ނަގަނީ 300ރުފިޔާ އެވެ. އެ ސާވިސް އިން އަންނަނީ ހޮނިހިރު ދުވަހު އައްޑޫ އާއި ފުވައްމުލައް ދެމެދު ހާއްސަ ދަތުރެއްވެސް ބާއްވަމުންނެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ދެކުނުގެ ރަށްތަކަށް ފެއްޓި މި ފެރީ ހިދުމަތުގެ ސަބަބުން ދެކުނުގެ ރަށްތަކުގެ މީހުން އަންނަނީ އެކި ބޭނުންތަކަށް ދެކުނުގެ ރަށްތަކަށް ދަތުރުކުރަމުންނެވެ. އެގޮތުން ވިޔަފާރިއާއި ސިއްހީ ބޭނުންތަކަށް އަދި ހަފުތާ ބަންދުގައިވެސް ގިނަ ބަޔަކު އަންނަނީ މި ހިދުމަތުގެ ބޭނުން ހިފަމުންނެވެ.