English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް މާހެފުމެއް މިރޭ ބާއްވައިފިއެވެ. މިއީ ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް އެތަނުގެ ހުރިހާ މުވައްޒަފުން އެއްތަނަކުން ބައްދަލު ކުރުމުގެ ބޭނުމުގައި ބޭއްވި އެއްވުމެވެ. އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ މި މާހެފުންއޮތީ މިރޭ 8:30 ގައި މަރަދޫ ބޮނޑޮގޭގައި ކަމަށެވެ. މި އެއްވުމުގައި މިހާރުގެ ކައުންސިލަރުންނާއި ކުރިއަށްއޮތް ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ރޯދައިގެ އަޅުކަމާބެހޭ ގޮތުން ބައިވެރިންނަށް ދީނީ ދަރުސެއްވެސް މި އެއްވުމުގައިވަނީ ދެއްވައިފައެވެ. މި ދަރުސް ދެއްވާފައިވަނީ ޝައިޚް ރުޝްދީއެވެ.