މެޓާނަލް އެންޑް ޗައިލްޑް ހެލްތު ނިއުޓްރިޝަން އާއި ބެހޭ ވޯކްޝޮޕެއް އައްޑޫގެ ސިއްޙީ ދާއިރާގެ އެކި ފަރާތްތަކާ ގުޅިގެން ބާއްވައިފިއެވެ.
އައްޑޫގެ ސިއްޙީ ދާއިރާގެ އެކި ފަރާތްތަކާއި ގުޅިގެން މިމަހުގެ 29 އިން 30 އަށް، މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. މިއީ ޔުނިސެފް، އައްޑޫ ސީޓީ ދަމަނަވެށި، އައި.ޖީ.އެމް.އެޗް އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިން ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި އައްޑޫ ސިއްޙީ ހިދުމަތް ފޯރުކޮއްދޭ އެކި ތަންތަނުން 20 ފަރާތެއް ވަނީ ބައިވެރި ވެފައެވެ.
މި ވޯކްޝޮޕްގެ މަޤްސަދާ ބެހޭގޮތުން ވޯކްޝޮޕް ފެސިލިޓޭޓާރ އަދި އައި.ޖީ.އެމް.އެޗް ގެ ޑައިޓިޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވީ މި ވޯކްޝޮޕްގެ މަޤްސަދަކީ ދަރިމައިވާ އުމުރުގެ އަންހެނުންނާއި ޅަފުރާ ކުދިންނާ، ކުޑަކުދިން ކެއުމުގައި ގެންގުޅެންޖެހޭ މިންގަނޑު ތަކާއި ބެހޭ ގޮތުން ރަނގަޅު މައުލޫމާތު ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް ކަމުގައެވެ.
މިއީ ރަށްރަށުގައި މިގޮތަށް ގެންދެވޭ ފުރަތަމަ ޕްރޮގްރާމް ކަމަށް އާސިޔާ ފާހަގަ ކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ބޭއްވުމަށް ޔުނިސެފް އަދި އައްޑޫ ސީޓީގައި ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ދަމަނަވެށިން ދެއްވި އެއްބާރުލުން އަސިޔާވަނީ ފާހަގަ ކުރައްވާފައެވެ.
މި ވޯކްޝޮޕްގެ ބައިވެރިން ބުނެފައިވަނީ މިއީ ވަރަށް ފައިދާ ހުރި އަދި ގިނަ ކަންތަށްތަކެއް އެނގިގެން ދިޔަ ވޯކްޝޮޕެއް ކަމުގައެވެ. އަދި މިއިން ދަސްކުރެވުނު އެއްޗަކާ ބެހޭ ގޮތުން އާންމުނަށް މައުލޫމާތު ހިއްސާ ކުރުމަށް ކުރިއަށް އޮތް 4 މަސް ދުވަސް ތެރޭ ޕްރޮގްރާމެއް ހިންގަން ރާވަމުންދާ ކަމަށް ބައިވެރިންވަނީ ފާހަގަ ކޮއްފައެވެ.
މި ވޯކްޝޮޕްގެ ބައިވެރިންނަށް ނިންމުމުގެ ރަސްމީއްޔާތުގައި ސެޓްފިކެޓް ހަވާލު ކޮއްދެއްވީ މި ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާރުކާރު ބޭފުޅެއް ކަމައްވާ މުހައްމަދު ސައީދެވެ. ސައީދު ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ދަރިމައިވާ އުމުރުން ފެށިގެން މާބަނޑު ދުވަސް ވަރު އަދި ވިހެއުމަށް ފަހު ވެސް ނުރަންގަޅު މައުލޫމާތު ހުރުމުން ކެއުމުގައި ގެންގުޅޭ މިންގަނޑު ގޯސްވެފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރު ކުއްޖަކާ ރާއްޖޭގައި އުފަންވާ ކުއްޖަކާ ހެދި ބޮޑުވުމުގައި ތަފާތެއް އަންނަނީ ކެއިން ބުއިމުގެ ވައްޓަފާޅީގެ ސަބަބުން ކަމަށެވެ.
މިރަސްމިޔާތުގައި މުހައްމަދު ސައީދުގެ އިތުރުން، އައްޑޫ ސިޓީ ދަމަނަވެށި ހިންގުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޒިއްމާދާރު އިސްވެރިޔާ، ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސާރ މުހައްމަދު ނަޖީބް ވަނީ ބައިވެރި ވެވަޑައިގެންފައެވެ.