English Edition
Dhivehi Edition

މައުލޫމާތު ފޯރުކޮށްދިނުމަކީ އިދާރާތަކަށް އޮތް އިޚުތިޔާރެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހައްގެއް ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހާ ގުޅިގެން ރައީސް ސޯލިހް ދެއްވި ހިތާބުގައި، ވިދާޅުވީ މައުލޫމާތު ހޯދުމުގެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު، ހިއްސާނުކޮށް ހިފެހެއްޓުމަކީ، އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހްތިޔާރުގައިވާ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި، އެކަމަށް މަގު ފަހިކޮށްދިނުމަކީ، ދައުލަތުގެ ހުރިހާ މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެއްކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި މިނިވަން މުއައްސަސާއެއް ގާއިމުކުރުމުގެ މަގްސަދަކީ ވެސް، އެ ހައްގު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކޮށްދިނުންކަމަށާއި އެ ހައްގު ހޯދައިދިނުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭކަމަށެވެ.

އާންމުން ޚިޔާލު ފާޅުކުރުމަކީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ޚިޔާނަތާއި މަކާރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، އަސާސީ ހައްގުތަކެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިންކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ވެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށާއި އުންމީދަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގުތައް، އޭގެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް ލިބި ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުވުންކަމަށެވެ.