English Edition
Dhivehi Edition

މިއީ މެލޭޝިއާ މީހަކަށް ދިމާވި ހާދިސާއެކެވެ. އޭނާގެ ފޯނު ގެއްލިގެން ހޯދަމުން ދަނިކޮށް އެ ފޯނު ފެނުނީ ވަލުތެރެއަށް އެއްލާލާފައި އޮއްވައެވެ. ވީ އުފަލަކުން އަވަހަށް ފޯނު ނަގާ ބަލާލިއިރު ފޯނު އެހާ ހިސާބަށް އައީ ކިހިނެތްކަން އޭނާއަށް ވަރަށް ސާފުކޮށް އެގިގެންދިޔައެވެ.

“އަހަރެން ނިދާފަ ހޭލިއިރު ފޯނެއް ނެތް. މުޅި ކޮޓަރި ހޯދާހޯދާވެސް ފޯނެއް ނުފެނުނު. ބައްޕަ އަހަރެންގެ ފޯނަށް ގުޅަން ފެށުމުން ރިންގުވާން ފެށީ ގެކައިރީ ވަލުތެރެއިން” އެމީހާ ކުރި ޓުވިޓެއްގައި ބުންޏެވެ. އެހާ ހިސާބުން އެންމެ ފުރަތަމަ އޭނާ ހީކުރީ ވަގަށް ފޯނު ނެގި މީހާއަށް ފޯނު ނުހުޅުވުމުން ފޯނު އެއްލާލީ ކަމަށެވެ. އެހެންނަމަވެސް ފޯނު ނަގާ އޭގެ ގެލަރީ ބަލާލުމުން ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. ފޯނުގެ ގެލަރީ ފުރާލާފައިވަނީ ރާމާމަކުނުގެ ފޮޓޯއިންނެވެ. “އެހާ ހިސާބުން މި އެގުނީ ފޯނު ގެންދިޔައީ ރާމާމަކުނުކަން. އަހަންނަށް ބޮޑަށް ލަފާކުރެވެނީ އަހަރެންގެ ބޭބޭގެ ކޮޓަރީގެ ކުޑަދޮރުން މަކުނުތައް ގޭތެރެއަށް ވަދެ، ފޯނު ގެންދިޔައީ ކަމަށް” އެމީހާ ބުންޏެވެ.

މަކުނުތައް ނަގާފައިވާ ފޮޓޯތައް ޓުވިޓާކުރަމުން އޭނާ ބުނީ މިއީ ވަރަށް މަދުން ފެންނާނެ އާދެޔާއި ހިލާފް ފޮޓޯތަކެއް ކަމަށެވެ. އެމީހާ ކުރި ޓުވިޓްގައި މަކުނު ނަގާފައިވާ ‘މަޖާ’ ފޮޓޯތައް ފެންނަހުރި އެ ފޮޓޯތަކުގެ ތެރޭގައި މަކުނުގެ ސެލްފީތައްވެސް ހުއްޓެވެ.