އިއްޔެ ޓުވިޓާގައި ވައިރަލްވި ވީޑިއޯ ވެގެންދިޔައީ އެތައް ބަޔަކަށް ޝޮކް ލިބުނު ކަމަކަށެވެ. ދުވަހަކުވެސް ރާމާ މަކުނެއް ކުއްޖަކު ކިޑްނެޕްކުރި ވާހަކައެއް އަޑު އިވިފައިވެސް ނެތް އިރު ބިރުވެރި ފިލްމު ތަކުގައި ނޫނީ މިފަދަ މަންޒަރެއް މިނޫނީ ނުފެނެއެވެ.
ގޭންގްސްޓާރ ކުޑަ ރާމާމަކުނެއް އެ އެއްޗާއި އެއް ސައިޒެއްގެ މިނީ މޮޓޯ ސައިކަލެއްގައި އެއަންނަ ގޮތަށް އައިސް ކުދިންތަކަކާ އަރާ ހަމަކޮށް ޙަމަލާ ދޭ މަންޒަރުން ޓުވިޓާ ޙައިރާން ކޮށް މުޅި ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުގެ ފަލަ ސުރުޚީންވެސް ޖާގަ ހޯދި ކަމަކަށް މިކަން ވެފައި ވެއެވެ.
މިއީ އިންޑޮނޭޝިއާގެ ތަންޖަންސާރީ ވިލެޖްގެ އަވަށެއްގައި ހިނގާދިޔަ ޙާދިސާއެކެވެ.
ވީޑިއޯއިން ފެންނަނީ ބާރު ސްޕީޑެއްގައި ދުއްވާފައިދާ ކުޑަކުޑަ ރާމާ މަކުނެއް އައިސް ކުއްޖަކަށް ޙަމަލާ ދޭތަނެވެ.
Ini pasti monyetnya tukang ribut di sekolah pic.twitter.com/niitXnmvwZ
— ptr (@peteerh) May 3, 2020
އަންހެނަކާއި އޭނާގެ ކުޑަ 3 ކުދިން އިށީނދެލައިގެން ތިބި ވަކަރު ބެންޗާއި އަރާ ހަމަކޮށް ދުއްވަމުން އައި ސައިކަލް މަޑުކޮށް ސައިކަލުން ފުންމާލައި އެތަނުން ޑައިޕާ އަކާއި ރީނދޫ ހެދުމެއް ލައިގެން ހުރި ތުއްތު އަންހެން ކުއްޖާގެ ހެދުމުގައި ހިފާ ދަމައިގަނެ އެކުއްޖާ ބެންޗުން ވައްޓާލައެވެ.
ޙާލަތު އިހުނަށްވުރެ ގޯސްވެގެން ދިޔައީ ކުއްޖާގެ އަތުގައި ހިފައިގެން މަގުމަތީ ދަމަމުން ދުއްވައިގަތީމައެވެ. އަތުގައި ހިފައިގެންވެސް ކުރިއަށްދާން އުނދަގޫ ވުމުން އޭތި ދެން ދިމާ ކުރީ ކުއްޖާގެ އިސްތަށިގަނޑުގައި ހިފާ އަތަށް އޮޅާލައިގެން ދާށެވެ. އެގޮތުން ބޮޑު ކާމިޔާބީއެއް ހޯދައިގެން ހެޔޮވަރުވަރަކަށް ދުރަށް ގެންދެވުނުތަނާ މީހުންތައް އައިސް ހަޅޭ ލަވައިގަތުމުން ދުވެފިލާ ރައްކާވީއެވެ.
ރޮމުންދިޔަ އެތުއްތު ކުއްޖާ ތެދުވެގެން މަންމައާއި ދިމާލަށް ދާން ހިނގައިގަންނަ ހިސާބުން ވީޑިއޯ ނިމެއެވެ.
މިޙާދިސާގައި ކުއްޖާގެ ނިތްކުރިއާއިއެކު މޫނުގެ އެކި ތަންތަން މަށައިގެން ގޮސް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށް އެގައުމުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ވަލުރާމާމަކުނުތައް ޓްރެއިން ކޮށްގެން ވަކި ގޮތަކަށް މިވިޔަފާރި ހިންގައި ކުޅިވަރުކުޅެ ހެދުމަކީ ތަންޖަންސާރީ ވިލެޖްގައި ހިންގަމުން އަންނަ ސަގާފީ ހަރަކާތެކެވެ.
މިވީޑިއޯ ރިކޯޑް ކުރި ޖާސާ ސުޕަންޖީ ބުނީ މިޙާދިސާހިނގީ މަކުނުގެ ހުނަރު ދައްކާލުމުގެ އިވެންޓެއްގައި މީހުންވެސް އެމަންޒަރު ބަލަން އެއްވެފައި ވަނިކޮށް ކަމަށެވެ. ޙާދިސާއަށް ފަހު ރާމާ މަކުނުގެ ވެރިޔާ އެއަށް އަދަބުދީ އަނިޔާކޮށްފައިވާތީ ގިނަބަޔަކު ވަނީ އެކަމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކުގައި އެފަދަ ޖަނަވާރެއް ބޭނުން ކުރި ކުރުން ކުށްވެރި ކޮށްފައެވެ.