English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ އިން ގޯތިދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް ކުރައްވާފައިވާކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުކުރީގެ ނަމުގައި ދައުރުވަމުންދާ ޕޯސްޓަކީ ‘ފޭކު’ ޕޯސްޓެއްކަމަށް ޝުކުރީ ވިދާޅުވެއްޖެއެވެ.

އޭއޯ ނިއުސް އާއި ވާހަކަދައްކަމުން ޝުކުރީ ވިދާޅުވީ އޭނާގެ ފޭސްބުކް އައިޑީއިން އެކަހަލަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަަމަށާއި، އެއީ އޭނާގެ ނަމުގައި ކޮންމެވެސް އެހެން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ. “އަޅުގަނޑުގެ ފޭސްބުކްގަ ތިކަހަލަ އެއްވެސް ވާހަކައެއް ލިޔެފައެއް ނުވާނެ. ދެން އަޅުގަނޑަކަށް ނޭގޭ ބަޔަކު އަޅުގަނޑުގެ އައިޑީ ހެކްކުރަން އުޅުނު ކަމެއް. ބޮޑަށް ހީވަނީ އެއީ އަޅުގަނޑުގެ ނަމުގައި ހަދާފައިވާ ފޭކް އަކައުންޓަކުން ޖަހާފަ އޮތް ޕޯސްޓެއްހެން” ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީގެ ނަމުގައި ކޮށްފައިވާ ޕޯސްޓްގައި މެމްބަރު އިލްޔާސްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރަމުން ބުނެފައިވަނީ ހުޅުދޫ އިން ގޯތި ދޫކުރުމަށް ޕޮއިންޓްދިނީ މާލޭގައި ދިރިއުޅޭ އެމްޑީޕީއަށް ވޯޓުދޭ މީހުން ބެލުމަށްފަހު އޭގެ ތެރެއިން ނުފޫޒުގަދަ ފަރާތްތަކަށް ކަމަށެވެ. އަދި މިކަމަކީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ހުޅުދޫ އެމްޑީޕީ އިސް މީހަކު ގުޅިގެން ހިންގާފައިވާ ޖަރީމާއެއްކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގޭ ދޮށު މަސްފެކްޓީ ހެދުމަށް ހުޅުދޫ ދާއިރާގެ މެމްބަރުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައިވާކަމަށާއި، ލޭންޑް ޔޫސް ޕްލޭނެއް ނެތި ހުޅުމީދޫ މެދު ބަނދަރުން ގޭދޮށު މަސްފެކްޓްރީ ހެދުމަށް ބިމެއް ދީފައިވާކަމަށް ބުނެ ރައްޔިތުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އެ ޕޯސްޓުގައި ވަނީ ” އަހަރެން ވައްކަމެއް ނުކުރަން. އަދި ނުވެސް ކުރާނަނަ. އަދި އަހަރެން ލައްވާ ވައްކަމެއް ނުވެސް ކުރުވޭނެ. ކޮބާ ބަނދަރުމަތިން އިލްޔާސް ބޭނުންވި ވަރުގެ ބިމެއް ލިބުނުތޯ؟ސުވާލުކޮށްފައެވެ.

މީގެ ކުރިން އޭއޯ އަށް ދިން އިންޓަވިއުއެއްގައި ޝުކުރީ ވިދާޅުވީ ކޮންމެ ތަނެއްގައި ދިރިއުޅުނު ނަމަވެސް ހަމަހަމަކަމާއެކު ހައްޤުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި މި ގޮތުން ކައުންސިލުން މާލެއަށް ކުރި ދަތުރުގައި ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރުމުން ގޯއްޗަށް އެދި ހުށަހެޅުމުގައި ޕޮއިންޓްދޭ އުސޫލު ބަދަލުކުރުމަށް ގިނަ ބަޔަކު އެދިފައިވާ ކަމަށެވެ.” ހުޅުދޫގެ %64 މީހުން ދިރިއުޅެނީ މާލޭގައި. ކައުންސިލުން އެމީހުނާއި ބައްދަލުކުރުމުން ވަރަށް ގިނަ މީހުންގެ ޝަކުވާއަކަށްވި ރަށުގައި ދިރިއުޅޭ މީހުންނަށް 10 ޕޮއިންޓް ލިބޭ ގޮތަށް އޮތް އޮތުން. އެހެންކަމުން ގާނޫނީ ބޭފުޅުންގެ ލަފާއާއި އެކު،ކޮންމެ ތަނެއްގައި އުޅުނަސް ޕޮއިންޓް ލިބޭ ގޮތަށް އިސްލާހު ހުށަހެޅީ. އެ އިސްލާހު ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް މުއްދަތް ހަމަވުމުގެ ކުރިން ގެޒެޓްވެސް ކޮށްފައިވާނެ” ޝުކުރީ ވިދާޅުވިއެވެ. އިތުރަށް ޝުކުރީ ވިދާޅުވީ ކޮންމެ ތަނެއްގައި އުޅުނަސް ހުރިހާ ރައްޔިތުންނަށް ހަމަހަމަވާނެ ގޮތަށް މަސައްކަތްކުރައްވާނެ ކަމަށާއި ހައްގުތައް ހޯދައިދިނުމުގައި ދިރިއުޅޭތަނަށް ނުބަލާނެކަމަށެވެ.