English Edition
Dhivehi Edition

 

ދެކުނުގެ އަތޮޅުތަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތެއްކަމަށްވާ ރިލެކްސް ފެރީސާވިސްއިން ފުވައްމުލަކަށް ޚާއްސަ ދަތުރެއް ހަމަޖައްސައިފިއެވެ. ހޮނިހިރު ދުވަހު އޮންނަ މި ދަތުރު އައްޑޫސިޓީ މަރަދޫއިން ފަށާނީ ހެނދުނު 7:50 ގައެވެ.ހިތަދޫ އިން 8 ޖަހާއިރު ފެރީނައްޓާލާގޮތަށް ދެން ދާނީ ހުޅުމީދޫ ބަނދަރަށެވެ. ހުޅުމީދޫއިން 8:15 ގައި ފުވައްމުލަކަށް ދާން ފުރާނެއެވެ.

ރިލެކްސް ފެރީސާވިސް ގެ ދެކުނުގެ ދަތުރުތައް މާކެޓް ކުރުމާއި ޙަވާލުވެފައިވަނީ މިސަރަޙައްދަށް ނިސްބަތްވާ މާކެޓިން ޕްލެޓްފޯމެއް ކަމަށްވާ ޓައިޓޭން މޯލްޑިވްސް އިންނެވެ. ޓައިޓޭން މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރ އަޙްމަދު ޝަރީފް އޭއޯއަށް މަޢުލޫމާތު ދެމުން ވިދާޅުވީ ޚާއްސަ ފެރީއެއް ފުވައްމުލަކަށް ހަމަޖެއްސެވީ ހަފްތާ ބަންދުގައި އައްޑުއިން ފުވައްމުލަކަށް އަދި ފުވައްމުލަކުން އައްޑުއަށް ވެސް ގިނަ ބަޔަކު އެކި ކަންކަމަށް ދަތުރުކުރަން އެދެމުންދާތީ މިފުރުސަތު އެފަރާތްތަކަށް ފަހިކޮށްދިނުމުގެ މަޤްސަދުގައި ކަމަށެވެ.

” އައްޑުއާއި ފުވައްމުލަކަށް ދާން ގިނަ ބަޔަކު މިދުވަސްވަރު އެދެމުންދާތީ އެއެންމެނަށް ފުރުސަތު ފަހިކޮށްދިނުމަށް ޚާއްސަ ދަތުރެއް މިއަޅަނީ.

 

މާކެޓިން މެނޭޖަރ އަޙްމަދު ޝަރީފް އޭއޯއަށް މަޢުލޫމާތު ދެއްވަނީ

ޝަރީފް އިތުރަށް ވިދާޅުވީ މިކަމާ ގުޅިގެން ރިލެކްސް ފެރީ ސާވިސްއިން ކުރިއަށްގެންދާ ޝެޑިއުލް ދަތުރުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ރިލެކްސް އިން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ފެރީ ފުރުމުގެ 30މިނިޓް ކުރިން ބަނދަރަށް ވަޑައިގެން ދަތުރަށް ތައްޔާރުވެ ތިބުމަކީ ރިލެކްސް ފެރީގެ ވަރަށް ބޮޑު އެދުމެކެވެ. އެ ސާވިސްގެ ޝެޑިއުލް ދަތުރުތައް ހަމަޖެހިފައިވަނީ ހޯމަ ބުރާސްފަތި ދެދުވަހުއެވެ. އޭގެ އިތުރުން ހުކުރު ދުވަހު ހުޅުމީދުއަށް ދަތުރު ހަމަޖެހިފައިވާއިރު މިހާރު އަލަށް ހަމަޖެހުނު ފުވައްމުލަކު ދަތުރު ކޮންމެ ހޮނިހިރު ދުވަހަކު ބާއްވާނެއެވެ.

ދެކުނުގެ ހުރިހާ ރަށެއް އެއް ވިއުގައަކުން ގުޅާލެވި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމަށް ދޮރުހުޅުވިގެންދިޔަ މިފެރީ ސާވިސްގެ ސަބަބުން މިސަރަޙައްދުގެ ކުދި ވިޔަފާރިތަކަށްވެސް ހެޔޮ ބަދަލެއް ވަނީ އައިސްފައެވެ.

ރިލެކްސް ފެރީސާވިސް ގެ ކެޕްޓަން އާއި މާކެޓިން މެނޭޖަރ އަޙްމަދު ޝަރީފް

އެއް ރަށުގައި ހައްދާ އަދި ތައްޔާރު ކުރެވޭ ކާނާ ތަކާއި ސާމާނުތައް އަނެއް ރަށަށް ފަސޭހަކަމާއެކު ގެނެސް ވިއްކުމުގައި ވިޔަފާރިވެރިންގެ ބޮޑު ތަރްޙީބެއް ލިބިފައިވާއިރު ޝަރީފް ފާހަގަ ކުރެއްވީ މިދުވަސްވަރު ފެރީތަކުން އެންމެ ގިނައިން ގެންދާތަން ފެންނަނީ މިހާރު އެންމެ ގިނަ ބަޔަކު ފޯރި ހިފާފައިވާ ގަސްހެއްދުމަށް ބޭނުންވާ ސާމާނާއި ގަސްގަހާގެއްސާއި ޕޮޓްފަދަ ތަކެތި ކަމަށެވެ.

މިއީ ޒަމާނުއްސުރެވެސް އެއްބައެއްގެ ގޮތުގައި ދެކޭ ގާތްގުޅުމެއް އޮންނަ ދެކުނުގެ ރަށްރަށުގެ މީހުން ގެ ޢާއިލީ ގުޅުންތައް ބަދަހިކޮށް އެމީހުންގެ ކިބައިގައިވާ އެކުވެރިކަމާއި ރަޙްމަތްތެރި ކަމުގެ ގުޅުން ވަރުގަދަކޮށް ފަސޭހަކަމާއެކު ރަށްރަށް ބަލާލަން ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ރިލެކްސް ފެރީ ސާވިސް ގެ ދަތުރުތައް އައްޑޫސިޓީއިން ފުވައްމުލަކަށް އަދި ގއ ގެ ވާދޫ، ގައްދޫ،ކަނޑުހުޅުދޫ،ގެމަނަފުށި،ކޮނޑޭ،ދާންދޫ،ނިލަންދޫ،މާމެންދޫ،އަދި ވިލިނގިއްޔަށާއި ގދ ގެ ރަށްތަކަށް ކުރުމަށް ހަމަޖެހިފައިވެއެވެ.

 

 

ދަތުރު ހަމަޖެހިފައިވާ ކޮންމެ ދުވަހަކު އައްޑޫސިޓީއިން ފުރާ ދަތުރު އެކި ރަށްރަށަށް ޓްރާންސިޓްކޮށް މީހުން ނާއި މުދާ ނަގާ ބޭލުމަށްފަހު ހަވީރު 5.15 ގައި އަނބުރާ އައްޑޫސިޓިއަށް ފެރީ އާދެއެވެ. އެހެންކަމުން މިދަތުރު ތައް ރޭވިފައިވާ ގޮތުން އައްޑޫއިން ގއ އަށް ހެނދުނު ދާމީހާއަށް އެދުވަހުގެ ހަވީރުވެސް ރަށަށް އާދެވޭނެއެވެ.

މިފެރީން އައްޑޫސިޓީއިން ފުވައްމުލަކަށް ކޮޅަކަށް ނަގަނީ 300 ރުފިޔާއެވެ. ފުވައްމުލަކުން ގއ އާއި ގދ ގެ ރަށްތަކަށް އެވްރެޖްކޮށް 500 ރުފިޔާ ނަގާއިރު ވާދޫއާއި ފަރެސް މާތޮޑާއަށް ދިއުމަށް ނަގަނީ 400 ރުފިޔާއެވެ. އައްޑޫސިޓީން ގއ އާއި ގދ ގެ ވާދޫއާއި ފަރެސްމާތޮޑާއަށް 700 ރުފިޔާ ނަގާއިރު އެހެން ރަށް ތަކަށް ހަމަޖެހިފައިވަނީ 800 ރުފިޔާގެ ރޭޓެކެވެ. ރިލެކްސް ފެރީސާވިސް ގައި ދުއްވާ ފެރީތަކަކީ 50 އާއި 60 މީހުންގެ ޖާގައިގެ ހައިސްޕީޑް ލަގްޒަރީ އުޅަނދު ތަކެކެވެ. މިސާވިސްގެ ޚިދުމަތް ހޯއްދެވުމަށް 7881124 ، 7731759 އަދި 7582665 އަށް ގުޅުއްވުމުން އިތުރު މަޢުލޫމަތު ލިބިވަޑައިގަންނަވާނެއެވެ.