English Edition
Dhivehi Edition
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފްރަންޓްލައިން އޮފިސަރުންތަކެއް - ފޮޓޯ: ޕޮލިސް

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަވައިލެންސް ސާމްޕަލްތައް(ކޭސްތައް އުޅޭނެހެން ހީވާ ވަކި ސަރަހައްދުތަކަށް ގޮސް އެތަންތަނުގައި ތިބޭ މީހުންގެ ސާމްޕަލް) ނެގުމަށް ތައްޔާރުވަމުން އަންނައިރު އައްޑޫ ސިޓީގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ދުވަސްތައް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނީ މި މަހުގެ 26 އަދި 27 މި ދެދުވަހު އައްޑޫގެ އެކި ކަންކޮޅުތަކުގައި ސަވައިލެންސް ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ކަމަށް ހުރިހާ ރައްޔިތުންގެ ފަރާތުންވެސް އެއްބާރުލުން ދެއްވުމަށް އައްޑޫ ހޮސްޕިޓަލުންވަނި އެދިވަޑައިގެންފައެވެ

މީގެކުރިން މާލެ މަގުމަތިން ގިނަ އަދަދެއްގެ މީހުންގެ ރެންޑަމް ސާމްޕަލް ނެގިނަމަވެސް މިހާރު ރެންޑަމް ސާމްޕަލް ނެގުން މަދުކޮށް ކޮވިޑް-19 ގެ ކޭސްތައް އުޅޭނެހެން ހީވާ ވަކި ސަރަހައްދުތަކަށް ގޮސް އެތަންތަނުގައި ތިބޭ މީހުންގެ ސާމްޕަލް ނެގުން ވަނީ އިތުރުކޮށްފައެވެ.

ބައެއް ރަށްރަށުގައި މިހާރުވެސް ސަވައިލެންސް ސާމްޕަލްތައް ނަގަމުން އަންނައިރު އެޗްޕީއޭއިން ވަނީ ބައެއް މީހުން ސާމްޕަލް ދިނުމަށް ދެކޮޅު ހަދަމުން އަންނަ ކަމަށްބުނެފައެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެ ރަށެއްގައި ބަލި ނެތުމުން، ކޮންމެހެން ސާމްޕަލް ނަގަން ނުޖެހޭ ކަމަށް ބައެއް ފަރާތްތަކަށް ހީވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް ރަށެއްގައި ބަލި އުޅޭކަން ވެސް ދެނެގަނެވެނީ ހިސާބަކަށް ޓެސްޓުކޮށްގެން ކަމަށެވެ. އެހެންކަމުން މި ބަލި އުޅޭކަން ދެނެގަންނަން އެންމެ އަވަހަށް، އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ ފްލޫ ކްލިނިކަށް ދާ މީހުންގެ ސާމްޕަލް ނެގުމާ އަދި އެހެން ވެސް ބައެއް ކަހަލަ ހާލަތްތަކުގައި ދޭތެރެ ދޭތެރެއިން އެކްޓިވް ސަވައިލެންސަށް ސާމްޕަލް ނެގުންކަމަށް ނަޒްލާ ވިދާޅުވިއެވެ.

އިތުރަށް ޑޮކްޓަރި ނަޒްލާ ވަނީ ސާމްޕަލް ނެގުމަކީ ސީދާ މީހާއަށް ގެއްލުމެއް ލިބޭ ކަމެއް ނޫންކަމަށާއި ހުރިހާ ފަރާތްތަކުން ވެސް، ސާމްޕަލް ދިނުމަށް އެދުމުން އެކަމަށް ކިޔަމަންވުމަށް އެދިވަޑައިގެންފައެވެ.