English Edition
Dhivehi Edition
ހެލްތު މިނިސްޓްރީގެ އިމާރާތް - ފޮޓޯ: ސަން

ރޯގާ އާއި ވައިރަލް ހުން ޖެހޭ މިންވަރު އިތުރުވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއަހަރުގެ ފެބަރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން 30،628 މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި މާރޗް 37،969 މީހުން ރިޕޯޓުކޮށްފައި ވެއެވެ. މިއީ 7،341 މީހުންގެ އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ އަށް 458 މީހުން ޓެސްޓް ކޮށްފައިވާއިރު، 62 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި މިއީ ފެބްރުއަރީ މަހު ޕޮޒިޓިވް ވި 8 މީހުންނާއި މާޗް މަހު ޕޮޒިޓިވް ވި 27 މީހުންގެ އިތުރުން ޖެނުއަރީ މަހު ޕޮޒިޓިވް ވި 27 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކަ ގޮތުގައި މާރޗް މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނަ ރިޕޯޓު ކޮށްފައިވަނީ ލ އަތޮޅުންނާއި ސ އަތޮޅުން ނެވެ.

އެގޮތުން ލ އަތޮޅުން 18 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، ސ އަތޮޅުން ރިޕޯޓު ކޮށްފައިވަނީ 17 މީހުން ނެވެ. އަދި އަރި ދަފުސް ރޯގާ ޖެހިގެން 1847 މީހުންނާއެކު އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ އދ އަތޮޅުން ނެވެ. ހދ އަތޮޅުން 257 މީހުންނާއެކު ބޭރަށް ހިންގުން ބަލި ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ އެ އަތޮޅުން ނެވެ.

އެއާ ހިލާފަށް މިއަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާޗް މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރި އަދަދު ވަނީ ދަށަށް ގޮސްފައެވެ. މާޗު މަހު ވައިރަލްހުން، ލޮ ލުރޯގާ އަދި ފާނަބަސަންދު އިތުރުވެފައިވީ ނަމަވެސް ބޭރަށް ހިންގުން އަދި ހޭންޑްފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައި ނުވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދިނެވެ.

މި އަހަރުގެ ފެބުރުއަރީ މަހާ އަޅާ ބަލާއިރު، މާޗް މަހު ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ވައިރަލްހުން ޖެ ހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވަނީ އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުންވެސް މި ދުވަސްވަރު ކޮވިޑް-19ގެ ކޭސްތައްވެސް ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭ އިން ކޮންމެ ހަފްތާއަކު އާންމު ކުރާ ކޮވިޑް ކޭސްތަކާ ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުން 02 އޭޕްރީލް އާއި 08 އޭޕްރީލް އާ ދެމެދު މުޅި ރާއްޖެއިން ކޮވިޑް-19ގެ 84 ކޭސް އަލަށް ފެނިފައިވެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 73 މީހުންނާއި އަދި އެހެނިހެން ސަރަހައްދުތަކުން ޕޮޒިޓިވް ވި 11 މީހުންނެވެ.

ދާދި ފަހުން ވަނީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ރާއްޖޭގެ އައްޑު އަތޮޅުން ފެނިގެން ރިޕޯޓުކޮށްފަ އެވެ. އެ ކޭސް އާ ގުޅިގެން ޖުމްލަ 19 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައިވެ އެވެ.

ބަލިތަކުން ދިފާއުވުމަށް އާންމު ސާފުތާހިރުކަން ދަމަހައްޓާ ގިނަގިނައިން އަތްދޮވުމަށް އެޗްޕީއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޑެންގީ ހުމުން ދިފާއު ވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް ސަމާލުކަން ދިނުމަށްވެސް އެ އިދާރާއިން ލަފާދެއްވި އެވެ. ބަލި ޖެހިއްޖެ ނަމަ ގިނައިން ދިޔާ ތަކެތި ބޮއެ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ އިތުރުން ވީ އެންމެ އަވަހަކަށް ސިއްހީ ލަފާ ދޭ ފަރާތެއްގެ އެހީ ހޯދުމަށް އެޗްޕީއޭ އިން ވަނީ އެދެފަ އެވެ.