ރާއްޖޭގެ ކަންކަން ބޭރު ގައުމަކުން ނިންމާ ދަރަޖައަށް ކަންކަން ދިއުމަކީ ނުރައްކަލެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެހީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާ މަޝްރޫއު ނިމުމުން ރާއްޖޭގެ އުތުރު ޓޫރިޒަމްގެ “އިންޖީނަކަށް” ވެގެންދާނެ ކަމަށް އިންޑިއާ އިން ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ހިއްސާކުރައްވަމުން ސައީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގައި ކުރާނެ އަދި ނުކުރާނެ މަސައްކަތާއި، ކަންކަން ނިންމުމުގެ ބާރަކީ ދިވެހި ރައްޔިތުންގެ އަމިއްލަ ހައްގެއް ކަމަށެވެ. “އެކަން ނިންމާނީ ބޭރުގެ ގައުމަކުން ނޫން. މިދަރަޖައަށް ސަރުކާރު ވެއްޓުމަށްވުރެ ވަކީން ބޮޑު ނުރައްކަލެއް، ނިކަމެތިކަމެއް އަންނާނެބާ؟ ” ސައީދުގެ ޓުވިޓްގައި ވިދާޅުވިއެވެ.
Raajjeygai kuraane,nukuraane masakkathaai, kankan nimmumuge baarakee; Dhivehi Rayyithunge Amilla Hagg’eh. Ekan nimmaanee beyru gaumakun noon. Mi dharajaya’ah sarukaaru vettumavvuren vakeen bodu nura’kkalakaai, nikamethikameh annaanebaa? https://t.co/oQrsL9QTcm
— Mohamed Saeed (@em_saeed) September 24, 2020
އިންޑިއާއިން ރާއްޖޭގެ ގިނަކަންކަމުގައި ބަސްބުނެ ރާއްޖެ އަޅުވެތިކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދެ ގައުމުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުން އަންނައިރު އިންޑިއާއިން ވަނީ ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ މަޝަރޫއުތަކަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައެވެ، މިގޮތުން ރާއްޖެ އާއި އިންޑިއާ އިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.