English Edition
Dhivehi Edition

އައްޑޫ ގިނަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއި އެކު އައްޑޫ އަތޮޅު ސިޓީއަކަށް ބަދަލުކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ. ގިނަރަށްރަށުން އައްޑޫ ސިޓީއަކަށް ހަދަން ފެންނަކަމަށް ވޯޓްދިން އިރު ފޭދޫ އާއި މީދޫއިން ބުނެފައިވަނީ އައްޑޫ އަށް ސިޓީގެ ދަރަޖަ ދިނުން އަދި ނުފެންނަ ކަމަށެވެ.ސަބަބުތައް ބައިވެރެވެ. ލޯކަލް ގަވާމަންތް އޮތޯރިޓީއިން ސިޓީއެއްގައި ހުންނަން ޖެހޭ ޚިދުމަތްތައް ކަނޑައަޅާ އާއްމު ކޮށްފައިވާއިރު ސިޓީއެއްގެ ދަރަޖަ ދެވޭ ރަށެއްގައި ނުވަތަ ސަރަހައްދެއްގައި އާއްމު ހިދުމަތަށް ބަލާއިރު އިސްލާމީ ޝިއާރު ފާޅުކުރުމާއި، އިޖުތިމާއީ ކަންކަމަށް ބޭނުންވާ ވަސީލަތްތަކާއި، ސިއްހީ ހިދުމަތާއި، ތައުލީމާއި ތަމްރީނަށް ބޭނުންވާނެ ވަސީލަތްތައް ހުންނަންޖެހެއެވެ.

އެހެންނަމަވެސް އައްޑޫ އަށް ސިޓީއެއްގެ ދަރަޖަ ލިބުނުތާ 12 އަހަރުވާން ކައިރިވެފައިވާއިރު އައްޑޫ ރައްޔިތުންނަށް ސިޓީއަކުން ލިބެންޖެހޭ އަސީސީ ޚިދުމަތްތައް އަދިވެސް ލިބިފައެއް ނެތެވެ. ސިއްޙީ ހިދުމަތް ހޯދުމަށް އުފުލަން ޖެހޭ ބުރައަށް ލުއެއް ލިބިފައެއް ނެތެވެ. ބޮޑު އިމާރާތެއް އެޅި ހިދުމަތް ފެށުނު ކަމުގައިވިޔަސް އެކަމުން ރައްޔިތުންނަށް އަދި އެއްވެސް ލުއި ފަސޭހައެއް ލިބިފައެއް ނެތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫ ސިޓީގައި ހަދަންފެށި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ވާހަކަ އާއި އެކު ދެކުނުގެ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ އެ ހޮސްޕިޓަލުން ފެންވަރު ރަގަޅު ހިދުމަތްތައް، ލުއި ފަސޭހަކަމާއެކު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަން ފެށި މި ހޮސްޕިޓަލާއި މެދު ފޮނި އުއްމީދުތަކެއް ކުރީ ހަމައެކަނި އައްޑޫ ސިޓީގެ ރައްޔިތުން އެކަންޏެއް ނޫނެވެ. މުޅި ދެކުނުގެ ރައްޔިތުންވެސް ދެކެމުން ދިޔަ ހުވަފެންތައް ވަރަށް ފޮންޏެވެ.

އެހެންނަމަވެސް މިއަހަރު ޖަނަވަރީމަހުގެ ތެރޭގައި ‘ނުރަސްމީކޮށް’ ހުޅުވި މި ހޮސްޕިޓަލާއި މެދު ރައްޔިތުން ކުރަމުން ދިޔަ އުއްމީދުތައް ގެއްލިގެން ދިޔައީ ހޮސްޕިޓަލް ހުޅުވުނުތާ 08 މަސްވިއިރުވެސް ހިދުމަތުގެ ފެންވަރު ރަގަޅުވެ، ފެންވަރު ރަގަޅު ސިއްހީ ހިދުމަތްތައް ލިބެން ނެތުމުންނެވެ. ރަގަޅު ސިއްހީ ނިޒާމެއްގެ އުއްމީދުގައި ތިބި މީހުންނަށް މާޔޫސްކަން ލިބިގެން ދިޔައީ ހޮސްޕިޓަލުން ނަންބަރެއް ހޯދުމުން ފެށިގެން ބޮޑެތި ޓެސްޓްތައް ހެދުމަށް އުފުލަންޖެހޭ ތަކްލީފްތައް ބޮޑުވުމުންނެވެ. ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓްކުރުމަށް އެތައް ފަހަރަކު ގުޅައިގެންވެސް ނުގުޅޭ ކަމުގެ ޝަކުވާ އިންތިހާއަށް ބޮޑެވެ. ގުޅޭ މަދު ފަހަރަކުވެސް ވެއިޓް ލިސްޓްކުރަން ޖެހުމާއި، ނަންބަރު ހުސްވެއްޖެކަމަށް ބުނެ ދޭ ޖަވާބަކީ ގިނަ ބައެއްގެ ފާޑުކިޔުންތައް ހޮސްޕިޓަލަށް އަމާޒުވި އެންމެ ބޮޑު އެއް ސަބަބެވެ. ‘ބޮޑު ސިޓީއެއްގެ، ބޮޑު ހޮސްޕިޓަލެއްގައި އެޕޮއިންޓްމެންޓް ހައްދަން ގުޅަން މިޖެހެނީ އެންމެ ނަންބަރަކަށް. މިއަދު ގުޅީމަ ބުނާނެ މާދަމާ ގުޅާށޭ. އެކަމަކު ގުޅާއިރު ފޯނު ބިޒީ. އެންމެ ކުޑަމިނުން ކެންސަލްވާ ނަންބަރެއްވެސް މިހާރު ނުދޭ. މިކަމަށް ދުވަހަކުވެސް ހައްލެއް ނުލިބޭނެ. ބޮޑު އިމާރާތެއް ހުއްޓަސް ހަރުދަނާކަމާއެކު ކަންކަން ކުރިއަށް ނުދާނަމަ ކޮބާ އިމާރާތެއްގެ ބޭނުމަކީ” ނަންބަރެއް ހޯދުމަށް ހޮސްޕިޓަލަށް 100އަށްވުރެ ގިނަ ފަހަރު ގުޅި މީހަކު އޭނާގެ ޝުއޫރުތައް ސޯޝަލް މީޑީއާއަށް ބަންޑުން ކޮށްލަމުން ބުނެފައިވެއެވެ.

މި ތަކްލީފްތައް އުފުލަންޖެހިފައިވާ މީދޫ މީހަކު އޭނާގެ ޝަކުވާތައް ބަންޑުކުރަމުން ބުނީ ‘ ވަރަށް އުދަގުލުން ލޮލުގެ ޑޮކްޓަރަށް ނަންބަރެއް ހޯދައިގެން ޑޮކްޓަރަށް ދެއްކުމުން ބުނީ އައިނު ހެދޭނީ ލޮލަށް ބޭސްއަޅާ ލޮލުގެ ފުސްކަން ސާފުވުމުންނޭ. ބޭސް އަޅާފަ ތިން ދުވަސްފަހުން ދައްކަން ބުނީ. އެކަމަކު ތިން ދުވަސް ކީއްކުރަން ފަނަރަ ދުވަސްވީއިރުވެސް ނަންބަރެއް ނުލިބުނު.” ގިނަ މީހުންގެ ޝަކުވާތައް ބޮޑުވެ މިހާރު މި މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާއިރު އަދިވެސް ލޮލުގެ ޑޮކްޓަރަށް ނަންބަރު ހޯދުމަކީ އުދަގޫކަމެކެވެ، “މިހަފްތާގަ ޑޮކްޓަރަަށް ދައްކާފަ ބޭސް އަޅައިގެން އަލުން ޑޮކްޓަރަށް ދައްކަން އަންގާ މީހުންނަށް ކުރިއަށް އޮތް ހަފްތާގައި ނަންބަރު ދޫކުރަނީ. އެހެންކަމުން ކުރިއަށް ހަފްތާއަށް ނަންބަރެއް ހޯދުން ވަރަށް އުދަގޫ. އެމީހުންނަށް ދީފަ ނަންބަރެއް ބާކީ ވިއްޔާ މި ލިބެނީ” އޭއޯ ނިއުސް އާއި ވާހަކަދައްކަމުން ފޭދޫ މީހަކު ބުންޏެވެ.

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އައްޑޫ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދެއްކުމަށްޓަކައި ވެއިޓްލިސްޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ވެއިޓް ލިސްޓުކުރާ ފަރާތްތަކަށް ދެ ހަފްތާވާއިރުވެސް ޑޮކްޓަރަށް ނުދެއްކޭ ކަމުގެ ޝަކުވާތައްވެސް އިންތިހާއަށް ބޮޑެވެ. ” މިމަހުގެ ކުރީކޮޅު ގުޅީމަ ބުނީ އަންހެނުންގެ ޑޮކްޓަރަށް ވެއިޓް ލިސްޓްކުރަން. އޭރު އަދި މި އިއުލާނެއް ނުވެސް ނެރޭ. އެފަހުން މިހާރު ދެ ހަފްތާ ވެއްޖެ. އެންމެ ފަހުން މިހާރު ފޭދޫ ކްލިނިކަކަށް މިދެއްކީ.” ‘އޭއޯ ނިއުސް’ އާއި ވާހަކަދެއްކި މީހަކު ބުންޏެވެ.

ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެ ކޮންމެ ދުވަހަކު ސޯޝަލްމީޑީއާގައި ހޮސްޕިޓަލްގެ މެނޭޖްމެންޓަށް ‘ބަވަމުން’ ދާއިރު އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުވީ އައްޑޫ ހޮސްޕިޓަލަށް ޓާޝަރީ ހޮސްޕިޓަލެއްގެ ދަރަޖަ ދީފައިވާއިރު ހޮސްޕިޓަލާއި މެދު ރައްޔިތުން ކުރާ އުއްމީދުތައްވެސް ވަރަށް ފޮނިކަމަށެވެ. އެހެންނަމަވެސް ނުރަސްމީކޮށް ހޮސްޕިޓަލް ހުޅުވި ހިދުމަތްތައް ފެށުނު ކަމުގައިވިޔަސް އަދިވެސް ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރިކަމަށާއި މި ހާލަތުގައިވެސް މިކަންކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އިތުރަށް ސާތު ވިދާޅުވީ ލޮކްޑައުންއަށްފަހު ހޮސްޕިޓްލްގެ އިންޓާނަލް ޑިޕާޓްމެންޓަށް ޑޮކްޓަރު ތާރިޤް ބަދަލުވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އެ ޑޮކްޓަރަށް ދައްކަން ބޭނުންވިކަމަށެވެ. “މިހާދުވަހަށް ވެއިޓް ލިސްޓެއް ނުކުރަން. މިއަދު ގުޅައިފިއްޔާ މި ބުނަނީ މާދަމާ ހެނދުން 8 އަކާއި 9 އަކާއި ދެމެދު ގުޅުމަށް. މިހެން ހަދަން ފެށުމުން ޑޮކްޓަރަށް ދައްކަން ނޯޓްކުރަމުން ދިޔަ މީހުންގެ އަދަދު އިތުރުވެ ޝަކުވާތައް ވަރަށް ބޮޑުވާންފެށި. އެހެންކަމުން އެންމެ ފަހުން އައިޖީއެމްއެޗްގަ އޮންނަ ގޮތަށް ވައިޓް ލިސްޓް ކުރަން މި ނިންމީ.” ވެއިޓް ލިސްޓުކުރަން ނިންމި ސަބަބު ހާމަކުރަމުން ސާތު ވިދާޅުވިއެވެ.

މީގެ އިތުރުން ސާތު ވިދާޅުވީ އާ ހޮސްޕިޓަލްގައި މިވަގުތު ބޭނުންކުރަމުންދަނީ އެންމެ ނަންބަރެއްކަމަށާއި، އެ ނަންބަރަށް ގުޅައިގެން ކޮންފަރަންސް ހަދައިގެން އެއްފަހަރާ 30 ކޯލަށް ޖަވާބުދެވޭކަމަށެވެ. ” އެނަންބަރަށް ގުޅުމުން ކޮންފަރެންސް މިހަދަނީ. ކުރިން ޖަވާބުދެވޭނީ 10 ކޯލަށް. އެކަމަކު މިހާރު 30 ކޯލަށް ޖަވާބުދެވޭނެ.” ސާތު ވިދާޅުވިއެވެ. އިތުރަށް ސާތު ވިދާޅުވީ މި މައްސަލަތަކަށް ހައްލެއް ހޯދުމަށް މިހާރުވެސް ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށާއި ބޭނުންވަނީ މިހުރިހާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުން ކަަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅަމުންދާކަން ފާހަގަކުރަން ސާތު ވިދާޅުވީ އިއްޔެ ހަވީރު 04ކުން ފެށިގެން ފޯނަށް ޖަވާބުނުދެވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ހަމަ ޔަގީނުންވެސް މިއީ އުފާވެރި ހަބަރެއްކަން ޔަގީނެވެ. އައްޑޫ ހޮސްޕިޓަލާއި މެދު ރައްޔިތުންގެ އުއްމީދުތައް ވަރަށް ފޮންޏެވެ. އެހެންކަމުން ކަމަކަށް ކަމެއް ކުރާ އުސޫލު ދޫކޮށް ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ލުއި ފަސޭހަވެ ބޭސްފަރުވާއަށް މާލެ އާއި ރާއްޖެއިން ބޭރަށް ދާދިއުން ހުއްޓިގެން ދިއުމަކީ އެންމެންގެވެސް އުއްމީދެވެ. ގާނޫނީ ހަމަތަކުގެ މަތިން ކޮންމެ ޕާޓީއެއްގެ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް އައްޑޫގެ ހުރިހާ ކައުންސިލަރުންނާއި އަދި މަޖިލީސް މެމްބަރުން ގުޅިގެން އައްޑޫ ހަގީގީ ސިޓީއަކަށް ހަދަން މަސައްކަތް ކުރަން އެބަޖެހެއެވެ.

1 ކޮމެންޓް
ނުރަބޯ
ސެޕްޓެމްބަރު 25, 2020
ކެރަފާ ނަޝީދުގެ ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދިންހާވެސް އެއްޗަކީ ސިޓީ އެއްގެ ދަރަޖަ. އެވެސް ސިޓީ އުރައަކަށް ލާފަ. ދެން އެމީހުން އެތިބީ އެ ސިޓީ ގައި ބާރަށް ހިފަހައްޓައިގެން ވަރަށް ހެވިފަ.