English Edition
Dhivehi Edition
އެސްޓިއޯ ފާމަސީ، އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީގައި އާދަޔާ ހިލާފަށް ހުމާއި، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ފެތުރެމުންދާތީ ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

އައްޑޫ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ އަރިދަފުސް ރޯގާޖެހިއްޖެނަމަ، ކެއްސާ ކިބިހި އަޅާއިރު އަގަމަތީގަ އާއި ނޭފާތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުމަށް އެދިފައެވެ. އަދި އާންމު ސާފުތާހިރުކަމާއި، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަން ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން އޭއީއެޗްއިން ވަނީ ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާއި ދުރުހެލިވުމަށާއި ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އެދިފައެވެ. އަދި ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އޭއީއެޗް އިން ވަނީ އެދިފައެވެ،

ރޯގާ ޖެހި ހުންއަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށް އޭއީއެޗްގައި ބަޔާނުގައި ބުނީ ބަލީގެ ސަބަބުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިއްމު ކަމެއްކަމަށެވެ.

އިތުރަށް މި ބަޔާނުގައިވަނީ ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ބަލިމީހާއާއެކު ވީހާވެސް މަދު މީހުން ސިއްހީ ފަރުވާ ހޯދާތަންތަނަށް ދިއުމަށް އެދިފައެވެ. އަދި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުމާއި، ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތްތަކުގައި ނޫނީ ނުދިއުމަށްވެސް އިލްތިމާސްކޮށްފައެވެ.