އައްޑޫ ސިޓީ ހުޅުދޫ، މީދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއް ސާދާތު(ސާތު) ވިދާޅުވެއްޖެއެވެ،
ހުޅުމީދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރާ ސްޕެޝަލިސްޓުންނަށް ދެއްކުމަށްފަހުވެސް، ޓެސްޓުތައް ހެދުމަށް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލަށް ދާންޖެހޭކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު، މިކަމާއި ގުޅިގެން ‘އޭއޯ ނިއުސް’ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސާތު ވިދާޅުވީ މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. މި ގޮތުން ޑޮކްޓަރަށް ދެއްކުމަށްފަހު ހަދަންޖެހޭ ޓެސްޓުތައް ރަށުގައި ތިބެގެން ހެދޭނެ، އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަކަމަށް ސާތު ވިދާޅުވިއެވެ. “ސިއްޙީމަރުކަޒުން ސާމްޕަލް ނެގުމަށްފަހު ހޮސްޕިޓަލަށް ފޮނުވައިގެން ޓެސްޓުތައް ހެދޭނެ ގޮތަކާއި ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަނީ. އަޅުގަނޑުމެންގެ އުއްމީދަކީ ދެން ހުޅުމީދޫ ސިއްހީ މަރުކަޒަށް ސްޕެޝަލިސުޓުން ޒިޔާރަތްކުރައްވާއިރު އެކަން ހަމަޖެހިގެންދިއުން.” ސާތު ވިދާޅުވިއެވެ.
އިތުރަށް ސާތު ވިދާޅުވީ މިހާރުވެސް ހުޅުމީދޫ ސިއްހީ މަރުކަޒަށް ގައިނަކޮލޮޖިސްޓް ޒިޔާރަތްކުރާއިރު ސްކޭން މެޝިން ގެންނަ ކަމަށާއި އެ ހޮސްޕިޓަލުން މަސައްކަތްކުރަމުންދަނީ މިފަދަ ކުދިކުދި ޓެސްޓްތައް ރަށުގައި ތިބެގެން ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. “ރަށުގައި އެކްސްރޭ އެއް ނެހެދޭނެ. އަކަމަކު ޓެސްޓްތަކާއި ސްކޭންތައް ރަށުގައި ތިބެގެން ހެދޭނެ އިންތިޒާމްތައް މި ދަނީ ހަމަޖައްސަމުން” ސާތު ވިދާޅުވިއެވެ.