English Edition
Dhivehi Edition

 

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައި ރާއްޖެއައުމަށްޓަކައި އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ ފުރައިފިއެވެ. ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރުކުރާނީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު ފެރީ ދެން ބަނދަރު ކުރާނީ މާލޭގައެވެ.

ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި ފެރީގެ ޚިދުމަތް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ އާއި އިންޑިޔާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިންގ ހިޒް އެކްސެލެންސީ މަންސުޚް މަންޑާވިއާ އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ސަންޖޭ ސުދީރުގެ އިތުރުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އާއި ކަމާއި ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކާގޯ ފެރީގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ކޮޗިން، ކެރަލާ، ކުޅުދުއްފުށި އަދި މާލެއާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ޤާއިމްކޮށްގެން މި ޚިދުމަތް ދިނުމަށް ނިންމަވައި އެކަން މިއަދު ފެށިގެން ދާއިރު، ކުޅުދުއްފުށީ ބަނދަރަށް ކާގޯ ފެރީ ބަނދަރު ކުރުމަކީ އުތުރުގެ ރަށްތަކުގެ ތަރައްގީއަށާއި އަދި ޖުމްލަކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގައުމުގެ އިގްތިސޯދު ހަރުދަނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ރާއްޖެއާއި ކޮޗިންއާއި ދެމެދު ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯފެރީއަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއްކަމުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރުމަށެވެ. އެގޮތުން މިއަދު ރާއްޖެ އައުމަށް ފުރި އެ ބޯޓަކީ “އެމްސީޕީ ލިންޒް 47” ނަމަކަށްކިޔާ، ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މަޢުލޫމަތު ދެއްވައެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރ ބަންދު ކުރެވިފައިވީ ނަމަވެސް މިއަދު އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު ފެރީގެ ހިދުމަތް ފެށިގެންދާކަމީ ދެ ގައުމުގެ ރައްޔިތުންނަށް އެކަމުގެ ފައިދާ ނުހަނު ބޮޑަށް ކުރާނެ ކަމެއްކަމުގައި މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އަދި ދަތި އުނދަގޫތަކާއެކުވެސް މިކަން ކާމިޔާބު ކަމާއެކު ފެށުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް މިނިސްޓަރ ނަހުލާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެއާއި އިންޑިޔާ އާއި ދެމެދު ކުރެވޭ ކާގޯ ފުރަތަމަ ދަތުރު ކުޅުދުއްފުއްޓަށް ކައިރި ކުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އޭގެ ފަހުން މާލޭގައި ބަނދަރު ކުރުމަށްފަހު ރާއްޖެއިން ފުރަން ހަމަޖެހިފައިވަނީ 10 ދުވަސް ފަހުންނެވެ. މިފަހަރުގެ ފެރީގައި އެކިއެކި މެޝިނަރީ އާއި، ފަރުނީޗަރާއި ކާބޯތަކެތީގެ އިތުރުން ބޭހުގެ ސަމާނު ހިމެނެއެވެ.

ފެށިގެންމިދާ ޚިދުމަތާއެކު އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ލުއި ފަސޭހަ ވެ ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެ ކުރެވޭނެ މަގު ފަހި ވެގެންދާނެ ކަމަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު ވަނީ ވިދާޅުވެފައެވެ.