ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑްއާ 0-0 އިން އެއްވަރުވެއްޖެއެވެ.
ރެއާލުން ރޭގެ މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ފެށީ ބެންޗުންނެވެ. އޭނާގެ ބަދަލުގައި ފުރުޞަތުދީފައިވަނީ މިދިޔަ ސީޒަނުގައި ލޯން އުސޫލުން ސޮސިއެޑާޑްގައި މޮޅު ކުޅުމެއްދެއްކި މާޓިން އޮޑެގާޑް އަށެވެ. އަދި އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިނުގެ ދެ ކުޅުންތެރިން ކަމަށްވާ އިސްކޯ އާއި މާކޯ އަސެންސިއޯ ރޭގެ މެޗަށް ނެގި ސްކޮޑުގައިވެސް ހިމަނާފައެއްނުވެއެވެ. މީގެއިތުރުން، މިވަގުތު އަނިޔާގައި ހުރި ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑް ވެސް ރޭގެ މެޗުގައި ކުޅެފައެއްނުވެއެވެ.
ސޮސިއެޑާޑްގެ އަނޮއެޓާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ އިތުރުން ދެވަނަ ހާފުގައި ވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، އެ ޓީމުގެ ސްވިޑެން ފޯވާޑް އަލެކްސެންޑާ އައިސާކް ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއިރު، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ވިންގާ އެންޑަ ބަރެނެޓްސެއާ ފޮނުވާލި ހަމަލާ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ.
ރެއާލަށް ރޭގެ މެޗުގައި އެކަށީގެންވާ ވަރަށް ރަނގަޅު ފުރުޞަތުތައް ތަނަވަސްކުރެވިފައިނުވާއިރު، ފުރަތަމަ ހާފުގައި އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކަރީމް ބެންޒެމާ ފޮނުވާލި ބޯޅަ ސޮސިއެޑާޑްގެ ކީޕަރު އަލެކްސް ރެމީރޯ މަތަކުރިއެވެ. އަދި އޭގެފަހުން، ބެންޒެމާ ފޮނުވާލި ބޯޅަ ގޯލަށް ވަންނާން ދަނިކޮށް ސަލާމަތްކުރީ ސޮސިއެޑާޑްގެ ޑިފެންޑަރު އަރިޓްޒް އެލުސްޓޮންޑޯ އެވެ.
ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ މިއީ ދެ ޕޮއިންޓްގެ ގެއްލުމެއް ކަމަށާއި، ލަނޑުޖަހާނެ ފުރުޞަތުތައް ތަނަވަސްކުރުމުގައި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރޭގެ މެޗުގައި އެ ޓީމުން ދެއްކި ޑިފެންސިވް ގޭމަށް ޒިދާން ވަނީ ތައުރީފްކޮށްފައެވެ.
ރެއާލުން މި ފަހަރުގެ ސީޒަނާއި ކުރިމަތިލީއިރު ގަރެތު ބޭލް އާއި ހަމޭސް ރޮޑްރިގޭޒްގެ އިތުރުން އަޝްރަފް ހަކީމީ އަދި ސާޖިއޯ ރެގީލޯން ދޫކޮށްލާފައިވާއިރު، ޓީމާ ގުޅިފައިވަނީ ލޯން އުސޫލުން އެހެން ކްލަބުތަކަށް ކުޅުމަށްފަހު އެނބުރިއައި އަލްވާރޯ އޮޑްރިއޮޒޯލާ އާއި އޮޑެގާޑް އެވެ.