English Edition
Dhivehi Edition
ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ސަޑިއޯ މާނޭ (ކ) އުފާ ފާޅުކުރަނީ.--ފޮޓޯ: ޕީއޭ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ ވައްދާލި ދެ ލަނޑާއެކު ޗެލްސީ އަތުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވެއްޖެއެވެ.

ޗެލްސީން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބްރައިޓަން އަތުން 3-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވެސިޗް ރޭގެ މެޗުގައި ޓީމަށް އެނބުރިއައިސްފައިވާއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގެނައި ކުޅުންތެރިންގެ ތެރެއިން ހަކީމް ޒިޔެޗް، ތިއާގޯ ސިލްވާ އަދި ބެން ޗިލްވެލް އަނިޔާގެ ސަބަބުން ނުކުޅެއެވެ. މީގެއިތުރުން، އެ ޓީމަށް ކުޅެމުން އަންނަ އެމެރިކާ ހުނަރުވެރި ވިންގާ ކްރިސްޓިއަން ޕުލިސިޗް ވެސް އަދި ފިޓެއް ނޫނެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނިކުތީ ވެސް ލީގު ހުޅުވި މެޗުގައި ލީޑްސް ޔުނައިޓެޑް އަތުން 4-3 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް އެންމެ ބަދަލެއް ގެނެސްގެންނެވެ. އެ މެޗުގައި އެ ޓީމުގެ ޑިފެންސްލައިންގައި ހިމެނުނު ޖޯ ގޯމޭޒްގެ ބަދަލުގައި ރޭގެ މެޗުން ފުރުޞަތުދީފައިވަނީ އާއްމުކޮށް ޑިފެންސިވް މިޑްފީލްޑަރުގެ މަގާމަށް ކުޅެމުން އަންނަ ފަބީނިއޯ އެވެ. އަދި ދާދިފަހުން ބަޔާން މިއުނިކުން އެ ޓީމާ ގުޅުނު ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ވެސް ރޭގެ މެޗު ފެށީ ބެންޗުންނެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، މި ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ފޯވާޑް މާނޭ އަށް ބޯޅަ ނެތީސް ޗެލްސީގެ އަންދްރެއަސް ކްރިސްޓެންސަން ކުރި ފައުލަކަށް ރެފްރީ ދެއްކި ރަތް ކާޑާ ގުޅިގެން އެ ޓީމަށް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ.

ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕީއޭ

ރޭގެ މެޗުގެ ދެވަނަ ހާފު, ދެ ޓީމުން ފެށީ ވެސް ބަދަލަކާއެކު އެވެ. ޗެލްސީން ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ކާއީގެ ބަދަލުގައި އުއްމީދީ ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ކުޅެން ނިކުތްއިރު، ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ލިބުނު އަނިޔާއަކާ ގުޅިގެން ކޯޗު ޔާގެން ކްލޮޕް ވަނީ އޭނާގެ ބަދަލުގައި ތިއާގޯ ވަނީ ކުޅެން ނެރެފައެވެ.

ލިވަޕޫލުން ލީޑްނެގީ ފަހު ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން މާނޭ ޖެހި ގޯލުންނެވެ. މިއީ ފިރްމީނޯ ނަގައިދިން ރީތި ހުރަހަކުން ލިބުނު ބޯޅައެއް މާނޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެ ހަތަރު މިނެޓުފަހުން، ލިވަޕޫލްގެ ލީޑް ފުޅާކޮށްދިނީ ވެސް މާނޭ އެވެ. މިއީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މާނޭ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި ޗެލްސީ އަށް ލަނޑުޖެހުމަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ޖަރުމަނު ފޯވާޑް ޓިމޯ ވާނާ އަށް ޕެނަލްޓީއޭރިޔާތެރެއިން ލިވަޕޫލްގެ ތިއާގޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ޖޯޖީނިއޯ ފޮނުވާލުމުން ގޯލްކީޕަރު އެލިސަން ބެކާ މަތަކުރިއެވެ. މިއީ ޗެލްސީ އަށް ބަދަލުވިފަހުން މެޗެއްގެ ތެރެއިން ޖޯޖީނިއޯ އަތުން ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ދެކުނު ކޮރެއާގެ ސޮން ހެއުން-މިން ކާމިޔާބުކުރި ހަތަރު ލަނޑާއި، ހެރީ ކޭންގެ ލަނޑުން ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރަށުން ބޭރުގައި 5-2 އިން ސައުތެމްޓަން ބަލިކޮށްފައެވެ. މި މެޗުގައި ސައުތެމްޓަންގެ ދެލަނޑުވެސް ޖެހީ ޑެނީ އިންގްސް އެވެ. ނިއުކާސަލް ޔުނައިޓެޑް އަމިއްލަ ދަނޑުގައި 3-0 އިން ބްރައިޓަން އަތުން ބަލިވިއިރު، ލެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ބާންލީ އަތުން މޮޅުވެފައެވެ.