ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ރައީސް އަބްދުﷲޔާމީން ޕާޓީތަކަށް ދައުވަތު ދެއްވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ގޮތަށް،މިއަދު ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ގޮތުން އޮތް ޚިޔާލު ތަފާތުވުންތައް ނައްތާލައި، ގައުމު ތަރައްގީކުރުމާއި ގައުމު ބިނާކުރުމުގެ މަސައްކަތް ހަލުއި ކުރުމަށާއި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އިސް ނަގައިގެން މަޝްވަރާ އަށް އެކި ފަހަރުގެ މަތިން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މަޝްވަރާތައް ކުރިއަށް ނުގެންދެވުނީ އިދިކޮޅު ފަރާތްތަކުން ޝަރުތުތައް ކުރިމަތިކުރުވުމުން ކަމަށް ވެސް ރައީސް އޮފީހުންވަނީ ބުނެފައެވެ.
މީގެ އިތރުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވާ އިސްލާހީ ބަދަލުތައް ހަތް ދުވަހުގެ ތެރޭގައި ލިޔުމުން އަންގައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުރިހާ ޕާޓީތަކަށާއި ރައީސް މައުމޫނަށް ވަނީ ބުދަ ދުވަހު ސިޓީ ފޮނުވާފަ އެވެ. ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންކަން އިސްލާހުކުރަން ބޭނުންވާކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށާއި، އެހެންކަމުން ސަރުކާރުން ބޭނުންވަނީ އެއީ ކޮން ކަންތައްތަކެއްކަން ދެނެގަންނަން ކަމަށެވެ.މީގެ އިތުރުން ޝައިނީ ވިދާޅުވީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި “ޗާޓުން ބޭރުން” އެއްވެސް ކަމެއް ކުރަމުންނުދާ ކަމަށާއި އެހެންކަމުން ހުރި މައްސަލަތަކަކީ ކޮބައިކަން ސަރުކާރަށް އެނގޭނީ އިދިކޮޅު ފަރާތްތަކުން ބުނެދިނުމުން ކަމަށެވެ.
މީގެ ކުރިން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު މަޝްވަރާ ކުރުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ދިނެވެ. އެހެން ނަމަވެސް، ވަކި ހިސާބަކުން މަޝްވަރާތައް ހުއްޓިގެން ދިޔައީ ޖަލުގައި ބަންދުކުރެވިފައިވާ ޕާޓީތަކުގެ ލީޑަރުން މަޝްވަރާގައި ބައިވެރިކުރުމާ މެދު އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުންނެވެ.