ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާތަކުގެ ޝަރީއަތް ލައިވް ކުރަން ނިންމައިފިއެވެ.
މި މައްސަލައިގައި މީގެ ކުރިން ޔާމީން 11 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ހުކުމް ކުރި ނަމަވެސް ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގައިފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ބޭއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތާއި ޔާމީންގެ ފަރާތުން ފެންނަ ކަންކަން ހުށަހަޅައި އެ ކަންކަމާ މަޝްވަރާކޮށް ގޮތެއް ނިންމުން ވަނީ ގެންގޮސްފައެވެ. އެގޮތުން އިދާރީ އަޑުއެހުމެއްގެ ގޮތުގައި ބޭއްވި އެ އަޑުއެހުމުގައި ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ މީގެ ކުރިން ވެސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތެއް ވަގުތުން ދުރަށް ދައްކާފައިވާތީ މި ޝަރީއަތް ވެސް ލައިވްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޔާމީންގެ ފަރާތުން ހުށަހެޅުއްވި އެ ކަން ބަލައިގަނެ، މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ އަލީ ނަދީމް ވަނީ ދެން އޮންނަ އަޑުއެހުމުން ފެށިގެން އެ ޝަރީއަތުގެ އަޑުއެހުންތައް ލައިވްކުރުމަށް ނިންމަވާފައެވެ. އަދި ޝަރީއަތް ބޭއްވުމަށް ދެ ފަރާތަށް ފަސޭހަ ވަގުތެއް ސާފުކޮށް، ސެޕްޓެމްބަރު 16، ވަނަ ދުވަހު ހެނދުނު އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.